ކުރިޔަށް އޮތް ލޯކަލް ކައުންސިން އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހުގައެވެ.
ސްޕްރީމް ކޯޓުގެ ވެބްސައިޓުން ދައްކާގޮތުގައި ކައުންސިލް އިންތިހާބާއި ބެހޭ ދެ މައްސަލައެއް މިމަހު 8 ވަނަ ދުވަހު އާންމު ފަރާތަކުން އިލެކްޝަން ކޮމިޝަނާއި ދެކޮޅަށް ހުށަހަޅާފައިވާއިރު، އެ ދެ މައްސަލައަށްވެސް ކޯޓުން ވަނީ ހުއްދަ ދީފައެވެ. ނަމަވެސް އެ ދެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
ގާނޫނުގައިވާ ގޮތުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ކެންޑިޑޭސީއާ ގުޅޭ މައްސަލަތަކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ދެ މައްސަލައަކީ ވެސް ކެންޑިޑޭސީއާ ގުޅޭ މައްސަލަތަކެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރާއިރު، ކެނޑިޑޭޓް ނަންބަރު އިއްޔެ ވަނީ ކަނޑައަޅާފައެވެ.
ކައުންސިލް އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 6 ސިޔާސީ ޕާޓީއަކުން 1،210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ފަރާތަކުން ވާދަކުރެއެވެ. މިއާއެކު ޖުމްލަ 1،611 ކެންޑިޑޭޓުންނަށް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރަސްމީކޮށް ލިބިފައެވެ.