ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ މައްސަލައާއި ޝަކުވާ ހުށަހަޅަން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިއެވެ.
އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އިންތިހާބާ ގުޅިގެން ބިއުރޯއެއް ގާއިމުކުރީ ރައްޔިތުންނަށް ފަސޭހައިން އިންތިހާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ހެދުމުގެ މަގުސަދުގައި ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އިންތިހާބުތަކާ ގުޅޭ ޝަކުވާ ފޯމު ބަލައިގަންނާނީ، އީސީގެ ކައުންޓަރުތަކާއި ބިއުރޯގެ މެއިލް މެދުވެރިކޮށް ކަމަށްވާއިރު، ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އީސީގެ ވެބްސައިޓާއި އިންތިހާބާ ބެހޭ މަރުކަޒުގެ އިތުރުން އީސީގެ ކައުންޓަރުންނެވެ.
ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބޭނެ އިންތިޒާމު އީސީއިން ހަމަޖައްސާފައިވެއެވެ. އީސީއިން ހާމަކުރި ގޮތުގައި، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އިންތިޚާބުގެ ވޯޓު ލާން ފަށާ އިރުއްސުރެ، ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ޝަކުވާ ބަލައިގަންނާނެ ކަމަށެވެ.
އިންތިހާބުގެ ވޯޓު ލުން އޮންނާނީ އަންނަ އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00އަށެވެ.