
އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އެމެރިކާގެ ވައިގެ ސިފައިންގެ އެފް-16ސީޖޭ "ވައިލްޑް ވީސަލް" ޖެޓްތައް އަލުން އެ ސަރަހައްދަށް ފޮނުވަން ފަށައިފިއެވެ.
މި ޖެޓްތަކުގައި އަލަށް ހަރުކޮށްފައިވާ "އެންގްރީ ކިޓެން" އިލެކްޓްރޯނިކް ވާފެއާ ޕޮޑްތަކަކީ ދުޝްމަނުންގެ ރޭޑާރު ސިގްނަލްތަކަށް ހުރަސްއަޅައި، މުވާސަލާތީ ނިޒާމުތައް އޮޅުވާލުމުގެ ފަންނީ ގާބިލުކަން ލިބިފައިވާ އާލާތްތަކެކެވެ. މިއީ ސީދާ އީރާނުގެ ވައިގެ ދިފާއީ އައްޑަނަތައް ފޫއަޅުވާލުމަށާއި، އެ ގައުމުގެ ސިގްނަލްތައް މަރުތަޅު އެޅުވުމަށް އެމެރިކާއިން ރާވަމުންދާ ނުރައްކާތެރި އުދުވާނެއްގެ ބައެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
މެދުއިރުމަތީގައި ގަސްދުގައި ނުތަނަވަސްކަން އުފައްދައި، އިސްލާމީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުމަށް އެމެރިކާއިން ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް މަގުފަހިވަމުންދާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
"ވައިލްޑް ވީސަލް" ގެ ނަމުން މަޝްހޫރުވެފައިވާ މި ސްކޮޑްރަންތަކަކީ އަބަދުވެސް އެމެރިކާގެ އަސްކަރީ ބާރުވެރިކަން ދެއްކުމަށާއި، މިނިވަން ގައުމުތަކުގެ ދިފާއީ ނިޒާމުތައް ބަލިކަށިކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ.
މި ޑިޕްލޮއިމަންޓަކީ އެމެރިކާއިން މެދުއިރުމަތީގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، އެ ސަރަހައްދުގެ ސަލާމަތަށް ނުރައްކާކުރުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބެލެވެއެވެ.




