
އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ އަދި އެންމެ ސިއްރު އެއް ހަތިޔާރު ކަމަށްވާ ނިއުކްލިއާ ހަތިޔާރު އެޅި އޮހައިއޯ ކްލާހުގެ ސަބްމެރިންއެއް ޖިބްރޯލްޓަރަށް ގެންގޮސްފިއެވެ. މި ސަބްމެރިންއަކީ ބެލިސްޓިކް މިސައިލް އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އެމެރިކާގެ އެންމެ މުހިންމު ސްޓްރެޓެޖިކް އެސެޓްތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ.
މި ސަބްމެރިން ޖިބްރޯލްޓަރަށް ބަނދަރުކޮށްފައި މިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ އެމެރިކާގެ އަސްކަރީ ބާރު ދެއްކުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަކީ، މި ސަބްމެރިން އެ ސަރަހައްދަށް ދަތުރުކޮށްފައިވަނީ އީރާނުން އެންމެ ފަހުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވިތާ އެންމެ ގަޑިއެއްހާއިރު ފަހުން ކަމެވެ.
އޮހައިއޯ ކްލާހުގެ ސަބްމެރިންތަކަކީ އާންމުކޮށް އޭގެ ހަރަކާތްތައް ވަރަށް ސިއްރުކޮށް ބާއްވާ އުޅަނދުތަކެކެވެ. ނަމަވެސް މިފަހަރު މި އުޅަނދު ފެނިގެންދިޔުމަކީ ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާއިން ދޭ ވަރުގަދަ މެސެޖެއް ކަމަށް ބެލެވެއެވެ.










