February 27, 2026
Advertisement
Ismail Zariyand
Ismail Zariyand / ތޭރަ އޮންލައިން

ޒަރިޔަންދުގެ މެސެޖެއް ރައީސް މުއިއްޒަށް: ސަރުކާރުގެ ބިރުދެއްކުންތަކާއެކުވެސް ރައްޔިތުންގެ ތާޢީދު އެބައޮތް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 26, 2026, 11:37 PM
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ގައުމީ މޭޔަރަލް ކެންޑިޑޭޓް އިސްމާޢީލް ޒަރިޔަންދު، ރައީސް މުއިއްޒުގެ ސަރުކާރަށް ވަރުގަދަ މެސެޖެއް ރައްދުކުރައްވައިފިއެވެ.

Advertisement

މިރޭ ކުރިއަށް ދިޔަ "ޕީޓްރަލް ކަންމަތި ވިތް ޒަރިޔަންދު" ކެމްޕޭން އިވެންޓްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވަނީ ސަރުކާރު ހިންގާ ޕީއެންސީން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ޒަރިޔަންދު ވިދާޅުވީ، ޕީއެންސީއަކީ ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއި، ފައިސާ އަދި މީހުންނަށް ބިރުދެއްކުމުގެ ބާރު ލިބިފައި އޮތް ޕާޓީއެއް ކަމަށެވެ. އެހެންކަމުން، އޭނާއާ އިދިކޮޅަށް ނުކުންނަވާ ޕީއެންސީގެ ކެންޑިޑޭޓަށް ފައިދާވާނެ ގޮތަށް އަދި ޒަރިޔަންދަށް ގެއްލުންވާނެ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާ ކަމުގެ ބޮޑު ޝައްކެއް އުފެދޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ވަސީލަތްތައް ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކުރުމުގެ ފުރުސަތު ފަހިވެފައި އޮތް ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ސަރުކާރުގެ ނުފޫޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުން އޭނާއަށް ގުޅައި ސަރުކާރުގެ ބިރުވެރިކަން އޮތް މިންވަރު ހިއްސާކުރަމުންދާ ކަމަށެވެ.

"ތިމަންނާމެން ވަރަށް ބިރުގަނެއޭ، ޒަރިޔަންދަށް ތާއީދުކޮށް ޕޯސްޓެއް ޖަހައިފިއްޔާ ވަޒީފާއިން ވަކިކޮށްފާނެއޭ ބުނެ ސަރުކާރުގެ މުވައްޒަފުން އެބަ ޝަކުވާކުރޭ،" ޒަރިޔަންދު ވިދާޅުވިއެވެ. ޒަރިޔަންދު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދީފިނަމަ ވަޒީފާއަށް ނުރައްކާވެދާނެ ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ތެރޭގައި އެބައޮތް ކަމަށެވެ.

ނަމަވެސް، މިފަދަ ބިރުދެއްކުންތަކުގެ ތެރޭގައިވެސް މާލޭގެ ރައްޔިތުން ދައްކަމުންދާ ހިތްވަރަށް ޒަރިޔަންދު ޝުކުރު އަދާކުރެއްވިއެވެ. ޒަރިޔަންދު ވިދާޅުވީ އޭނާގެ އޮތީ ސާފު ނިޔަތެއް ކަމަށާއި، އަމިއްލަ ކުންފުންޏަކަށް ނުވަތަ އާއިލާ މީހަކަށް ދައުލަތުގެ ވަސީލަތެއް ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"މި ސަރުކާރުގެ ބިރުވެރިކަމުގެ ތެރޭގައިވެސް ތި ދައްކަވާ ހިތްވަރަކީ އަޅުގަނޑަށް ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު،" ޒަރިޔަންދު ވިދާޅުވިއެވެ.

މި އިންތިޚާބަކީ ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު ވަޒަންކުރެވޭނެ މުހިންމު އިންތިޚާބަކަށް ވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved