
ސަހްޔޫނީން ސަރަހައްދީ ގޮތުން ހިންގަމުންދާ އުދުވާނުތަކަށް ހިމާޔަތްދީ، އީރާނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ވާގިވެރިވުމުގެ ގޮތުން އެމެރިކާގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" އާއި އޭގެ ވަރުގަދަ ސްޓްރައިކް ގްރޫޕް އެ ގައުމުގެ އައްސޭރިފަށަށް އަތުވެއްޖެއެވެ. މިއީ މެދުއިރުމަތީގައި ސަހްޔޫނީންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެމެރިކާއިން ފާޅުގައި އެޅި ނުރައްކާތެރި ފިޔަވަޅެކެވެ.
މި މަނަވަރާއެކު އެމެރިކާގެ އަސްކަރީ ބާރު ދެއްކުމުގެ ގޮތުން ގިނަ އަދަދެއްގެ ހަނގުރާމަމަތީ އުޅަނދުތައް ވަނީ ފޮނުވާފައެވެ. މީގެ ތެރޭގައި ގައިޑެޑް މިސައިލް ކްރޫޒަރެއް ކަމަށްވާ "ޔޫއެސްއެސް ނޯމަންޑީ" އާއި، ގައިޑެޑް މިސައިލް ޑިސްޓްރޯޔަރުތައް ކަމަށްވާ "ޔޫއެސްއެސް ތޯމަސް ހަޑްނާ"، "ޔޫއެސްއެސް ރާމަޖް"، "ޔޫއެސްއެސް ކާނީ" އަދި "ޔޫއެސްއެސް ރޫޒަވެލްޓް" ހިމެނެއެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ ޒަމާނީ އެފް-35، އެފް-15، އެފް-16 އަދި އޭ-10 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައްވެސް ވަނީ އެ ސަރަހައްދުގައި ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
މި ސްޓްރައިކް ގްރޫޕް މިހާރު ވަނީ ސަހްޔޫނީންނަށް އަމާޒުވެދާނެ ކްރޫޒް މިސައިލްތަކާއި ޑްރޯންތަކުން ދިފާއުކޮށްދިނުމުގެ ނަމުގައި، މެދުތެރޭ ކަނޑުގެ އިރުމަތީ ސަރަހައްދުގައި މަޑުކޮށްފައެވެ. އެމެރިކާގެ މި ބިޔަ އަސްކަރީ ޖަމާޢަތަކީ ހަމައެކަނި ދިފާއީ ބާރެއް ނޫން ކަމަށާއި، މިއީ އީރާނާއި އެ ސަރަހައްދުގެ އިސްލާމީ ބާރުތަކަށް ބިރުދެއްކުމަށާއި، ސަހްޔޫނީން ހިންގާ ލާއިންސާނީ އަމަލުތަކަށް އައްޑަނައަކަށް ވުމަށް ފޮނުވި ބާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާގެ މި އަމަލަކީ މެދުއިރުމަތީގައި ހަމަނުޖެހުމުގެ އަލިފާންގަނޑު އިތުރަށް ބޮޑުކޮށް، ސަހްޔޫނީ އިސްތިއުމާރީ ބާރުތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް މަގުފަހިވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.









