
މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ އަޑުތައް ޔޫއޭއީގެ އަބޫދާބީ، ބަހްރޭންގެ މަނާމާ، ކުވޭތު އަދި ގަތަރުގެ އެކި ހިސާބުތަކަށް ވަނީ އިވިފައެވެ.
ވަކިން ހާއްސަކޮށް ބަހްރޭންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މަރުކަޒަށާއި، ޔޫއޭއީގެ އަލް ދަފްރާ އެއާބޭސް އަދި ގަތަރުގެ އަލް އުދައިދު އެއާބޭސްއަށް އަމާޒުކޮށް މިސައިލް ފޮނުވާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ. ބަހްރޭން އަދި ކުވޭތުގައި ނުރައްކަލުގެ ސައިރަން އަޅަމުންދާއިރު، ރައްކާތެރި ތަންތަނަށް ވަނުމަށް އާންމުންނަށް ވަނީ އަންގާފައެވެ. ގަތަރުގެ ވައިގެ ދިފާއީ ނިޒާމުން އީރާނުގެ ބައެއް މިސައިލްތައް ވައްޓާލާފައިވާ ކަމަށް އެގައުމުގެ ދިފާއީ ވުޒާރާއިން ބުނެފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މުޅިން ސާފެއް ނުވެއެވެ.










