
ގައުމުގެ އިގްތިސޯދު ބޮއްސުންލައިގެން ގޮސް ފާލުން ނެއްޓިފައިވާއިރު، އިގުތިސޯދު ކުރިއެރުވުމަށް އެއްވެސް އަމާޒެއް ނުވަތަ "ވިޝަން"އެއް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނެތް ކަމަށް، ޕީއެންއެފްގެ ރައީސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ފްރިންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ތަކެތީގެ އަގުތައް ބޮޑުނުވާނެ ކަމަށް މި ސަރުކާރުން ބުނަމުންދާދިއުމަށް އިޝާރަތްކުރައްވާ ކަން އޮތީ އެހެން ނޫންކަން ފާހަގަކުރައްވާ ސަރުކާރުގެ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ގިނަ ތަކެތި އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، ޑޮލަރުގެ އަގު މަތިވުމުން ތަކެތީގެ އަގުތައް ބޮޑުނުވެ ނުހުންނާނެ ކަމަށާ ޑޮލަރުގެ އަގު ދިވެހި ރުފިޔާއާ އަޅާބަލާއިރު މިހާރު މިއޮތް މިންވަރަށް ބޮޑުވުމުން އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތުންނަށް ކަމަށެވެ.
މިހާރު ރާއްޖޭގައި ސަރުކާރުން ހިންގާ އެއްވެސް ބޮޑު މަޝްރޫއެއް ނެތް ކަމަށާއި ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ވެސް ހުއްޓިފައިވާކަން ވެސް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެއީ އިހްތިސޯދު ހީނަރުވަމުންދާކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ. ކަން އެހެން އޮތް ނަމަވެސް މިހާރު ލިބޭ ޑޮލަރުގެ އާމްދަނީ ސަރުކާރުން ހޭދަކުރަނީ ހަމައެކަނި ދަރަނި ދެއްކުން ފަދަ ޒަރޫރީ ކަންކަމަށް ކަމަށާއި، ގައުމުގެ އިގުތިސޯދު ކުރިއެރުވުމަށް އެއްވެސް އަމާޒެއް ނުވަތަ 'ވިޝަން'އެއް ސަރުކާރުގައި ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ސަރުކާރުން މިހާރު ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ އުސުޅުގެ ސަބަބުން ގައުމަށް އިގުތިސޯދީ ގޮންޖެހުންތައް އިތުރުވެގެން ދާނެކަން ވެސް ފާހަގަކުރައްވާފައެވެ.










