
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިނުގެން ހުންނެވި ނަމަ ގައުމުގެ ދަރަނި ދެއްކުމާ ހަވާލުވާން ނުޖެހުނީސްކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުއިއްޒު މިހާރު ގެންދަވަނީ އެހެން ހުރިހާ ސަރުކާރަކުން ދެއްކެވި ދަރަނިތައް ދައްކަމުން ކަމަށް ބުނެ ޕީއެންސީގެ އެކްޓިވިސްޓުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދަރަންޏަކީ އަބަދުވެސް ސަރުކާރުތަކުން ވާރުތަވަމުން އަންނަ އެއްޗެއް ކަމަށާ އެހެންކަމުން އަބަދުވެސް ވެރިކަމާ ހަވާލުވާ ބަޔަކު އެ ދަރަނި ދެއްކެން އޮތް ގޮތަކަށް ދެއްކުމަކީ ވެރިކަމުގެ ތެރެއިން ހަވާލުވާ ޒިންމާ އެއް ކަމަށެވެ.
ސަރުކާރުތަކުން ދަރަނި ނަގަނީ ރައްޔިތުންބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން ކަމަށާ ދަރަނި ދެއްކުމަކީ ހުންނަ ވެރިއެއްގެ ޝުހުރަތު މަތިކުރަން ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ ނުުރުހުން ފާޅުކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ވާރުތަވެގެން އައި ދަރަނި ރައީސް މުއިއްޒު ދައްކަވަން ޖެހެނީ ރައީސްކަމުގެ މަގާމުގައި ހުންނަވާތީ ކަމަށާ ވެރިކަމަށް ވަޑައިނުގެން ގޭގައި ހުންނެވިނަމަ ގައުމުގެ ދަރަނި ދައްކަން ނުޖެހުނީސް ކަމަށެވެ.










