
ރާއްޖޭގެ އިގުތިސޯދު މިވަގުތު އޮތް ހާލަތުގައި ކުރިއަށްދާނަމަ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ އެކަމުގެ ތަކްލީފު ރައްޔިތުން އުފުލަން ޖެހުން އޮތީ ދުރުގައި ނޫން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ތަކެތީގެ އަގު ބޮޑުނުވާނެ ކަމަށް ސަރުކާރުން މެޑަލް ޖަހަމުން ދިޔަ ނަމަވެސް، ރާއްޖެއަކީ ގިނަ ތަކެތި އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، ޑޮލަރުގެ އަގު މަތިވުމުން ތަކެތީގެ އަގުތައް ބޮޑުނުވެ ނުހުންނާނެ ކަމަށެވެ. ހަމަ އެހެންމެ ޑޮލަރުގެ އަގު ދިވެހި ރުފިޔާއާ އަޅާބަލާއިރު މިހާރު މިއޮތް މިންވަރަށް ބޮޑުވުމުން އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތުންނަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ މިހާރު ކަންކަންދާ މަގުން ދާ ަނަމަ ގިނަ ދުވަސްތަކެއް ނުވެ ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރާނެ ކަމަށާ ހުރިހާ ތަކްލީފެއް އުފުލަން ޖެހޭނީ ރައްޔިތުން ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ޑޮލަރުގެ އަގު އާންމު ގޮތެއްގައި ހުރީ 20ރ. އިން މަތީގަ އެވެ.










