ނެދަލޭންޑްސްގެ އެމްސްޓަޑަމްގައި ހޮލޮކޯސްޓް މިއުޒިއަމްއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް ހާޒިރުވުމުން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ.
ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެކްޓިވިސްޓުން އެއްވެފައިވަނީ އެ ސިޓީގެ ޔަހޫދީ ކުއާޓަރުގައި ހުންނަ ނޭޝަނަލް ހޮލޮކޯސްޓް މިއުޒިއަމް ކައިރީގައި ހުންނަ މައިދާނަކަށެވެ.
މުޒާހަރާ ކުރި ބައެއް މީހުންނަކީ ޔަހޫދީންނެވެ.
ފަލަސްތީނާއި އިސްރާއީލުގެ ދިދަ ވެސް މުޒާހަރާގެ ބައިވެރިންގެ އަތުގައި ހިފައިގެން ތިބިތަން ފެނިފައިވެ އެވެ.
މުޒާހަރާ ހޫނުވެ ބައެއް މީހުން ހައްޔަރުކުރި އެވެ. މުޒާހަރާގެ ބައިވެރިން ފަޔަރވޯކާއި ބިސް އުކަން ފެށުމުން ރައަޓް ޕޮލިހުން އެމީހުން ތަޅައި ދުރަށް ޖައްސާފައިވާ ކަމަށް ޑަޗް މީޑިއާ ޑި ޓެލެގްރާފް އިން ބުނެއެވެ.
"ނަސްލު ނައްތާލުމާ ދެކޮޅަށް ޔަހޫދީން"، އަދި "ހޮލޮކޯސްޓް އިން ސަލާމަތްވި މީހެއްގެ ކާފަދަރިފުޅު ބުނަނީ: ޣައްޒާ ހޮލޮކޯސްޓް ހުއްޓުވާ" ލިޔެފައިވާ ނިޝާންތަކެއް ފެނިފައިވެ އެވެ.
އެ މިއުޒިއަމް އިން ބުނީ ޣައްޒާ ހަނގުރާމައިގެ ކުރިން މ ހެރްޒޮގް އަށް ދައުވަތު ދީފައިވާ ކަމަށެވެ.
މިއުޒިއަމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަރޒޮގް ހާޒިރުވުމުން ސުވާލު އުފެދޭކަންކަން ހުރިކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އޭނާ ތަމްސީލު ކުރައްވަނީ އިސްރާއީލަށް ހިޖުރަކުރި ޑަޗް ހޮލޮކޯސްޓް އިން ސަލާމަތްވި މީހުންގެ ވަޒަން ކަމަށެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ޑަޗް ރަސްގެފާނު ވިލެމް-އެލެގްޒެންޑަރ އާއި އޮސްޓްރިއާގެ ރައީސް އެލެގްޒެންޑަރ ވެން ޑަރ ބެލެން އާއި ޑަޗް ބޮޑުވަޒީރު މާކް ރޫޓޭ އަދި ޖަރުމަނުގެ ފެޑެރަލް ކައުންސިލްގެ ރައީސް މަނޫއެލާ ޝްވެސިގް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމީހުން މިއުޒިއަމްއަށް ދިޔުމުން އެއްވެ ތިބި މީހުންގެ ފަރާތުން ނަފްރަތާއި ނުރުހުމުގެ ބަސްތަކާއި ބައްދަލުވިއެވެ.
ކައިރީގައި ހުރި ޔަހޫދީންގެ ފައްޅިއެއްގައި އެއްވެ ތިބި ޑަޗް ހޮލޮކޯސްޓް އިން ސަލާމަތްވި މީހުންނަށް ދެއްވި ތަގުރީރުގައި ވިލެމް-އެލެގްޒެންޑަރ ރަސްގެފާނު ވިދާޅުވީ "މި މިއުޒިއަމް އިން އަޅުގަނޑުމެންނަށް ދައްކާލަނީ އެންޓިސެމިޓިޒަމްގެ ސަބަބުން ކުރިމަތިވެދާނެ ފަނާކުރަނިވި ނަތީޖާތަކެއް" ކަމަށެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ ގާތްގަނޑަކަށް 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހު ހޮލޮކޯސްޓް މިއުޒިއަމް އާންމުންނަށް ހުޅުވާލާނެ އެވެ. މީގެ ކުރިން އާންމު ތަންތަނުން ނުފެންނަ 2،500 އެއްޗެއް ދައްކާލާނެ އެވެ.
ނާޒީންގެ އަތްދަށުވުމުގެ ކުރިން ނެދަލެންޑްސްގައި 140،000 އެއްހާ މީހުންގެ ބޮޑު ޔަހޫދީ ޖަމާއަތެއް ދިރިއުޅެމުން ދިޔައެވެ.
ނަމަވެސް އޭގެ ތެރެއިން %75 - ގާތްގަނޑަކަށް 102،000 މީހުން - ހޮލޮކޯސްޓްގެ ދުވަސްވަރު މަރާލާފައިވާ ކަމަށް ބުނެ އުޅެއެވެ.