
ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް، އިސްރާއީލުން ލުބުނާނުގެ ދެކުނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުރައްކާތެރި "ހުދު ފޮސްފަރަސް" ބޭނުންކޮށްފައިވާކަމުގެ ހެކިތައް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ހޯދައިފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ، އެޗްއާރުޑަބްލިއު އިން ހާމަކުރި ގޮތުގައި، މި މަހުގެ ކުރީކޮޅު އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުގެ ދެކުނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަނީ ހުދު ފޮސްފަރަސް ބޭނުންކޮށްފައެވެ. މިއީ ހަނގުރާމައިގެ އުސޫލުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް އިސްރާއީލުން ހިންގާފައިވާ ލާއިންސާނީ އަމަލެކެވެ.
ހުދު ފޮސްފަރަސް އަކީ އިންސާނުންގެ ހަށިގަނޑުގައި ޖެހުމުން ކަށިގަނޑާ ހަމައަށް މަސްތައް އަނދައިގެންދާ ފަދަ ނުރައްކާތެރި ކެމިކަލެކެވެ. އިސްރާއީލުން މިފަދަ ނުރައްކާތެރި ހަތިޔާރެއް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޭނުންކޮށްފައިވަނީ، ބައިނަލްއަގްވާމީ މުޖުތަމައުގެ ގޮވާލުންތަކަށް ބެލުމެއްނެތި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ފުޅާކުރުމުގެ މަގުސަދުގައެވެ.
އެޗްއާރުޑަބްލިއު އިން ވަނީ އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށް، މިއީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އިސްރާއީލުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.










