
އިގްތިސާދީ ގޮތުން ގައުމެއްގެ ކެތްތެރިކަން ބިނާވެފައިވަނީ މާލީ ޑިސިޕްލިން އާއި ރަގަޅު ރިޒާވް މެނޭޖްމަންޓެއްގެ މައްޗަށްކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަރިޔަންދު ވިދާޅުވީ، ހިނި ވެސް ފިނި މޫސުމަށް ތައްޔާރުވާ ކަމަށާ އެއީ އެސޮރުމެންނަށް އެ ދުވަސް އަންނާނެކަން އެނގި ތިބެ ކަމަށެވެ. އެހެންކަމުން ގައުމުތަކުންވެސް ދުނިޔެއަށް ދިމާވެދާނެ ދަތި ތަދު ދުވަސްތަކަކަށް ވިސްނާ، ގައުމުގައި އެންމެ މަދުވެގެން ތިން މަސް ދުވަހުގެ ރިޒާވު ބެލެހެއްޓި ބޭނުން ކުރެވެން ހުންނަންވާނެ ކަމަށެވެ.
އެހެންކަމުން ސަރުކާރުތަކުން ހަނގުރާމަތަކުގެ ނުވަތަ ދުނިޔޭގެ ދަތިތަކާ މަތިކޮށް ކަންކަން ކުރެވިދާނެ ނަމަވެސް އިގްތިސާދީ ގޮތުން ކެތްތެރިކަން ބިނާވެފައިވަނީ މާލީ ޑިސިޕްލިން އާއި ރަނގަޅު ރިޒާވް މެނޭޖްމަންޓެއްގެ މައްޗަށް ކަމަށް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
ޒަރިޔަންދު މިފަދަ ބަސްކޮޅެއް މީސް މީޑިޔާއަށް ދޫކޮށްލާފައިވަނީ، މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށި މި ގައުމުގައިވެސް އަސާސީ ތަކެތި ލިބުމުގައި ދަތިކަމެއް އައިސްދާނެ ކަމަށް މުހައްލިލުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ހެއްކަކީ ތެޔޮ ލިބުމުގައި ހާސްކަމެއް ނެތޭ ރައީސް ވިދާޅުވިތާ 72 ގަޑިއިރު ނުވެ ތެލުގެ އަގު މި ގައުމުގައި ބޮޑުކުރުމެވެ. މެދުއިރުމަތީ ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ ރާއްޖެއަކީ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަށް ވެގެންދާނެއެވެ. އެއީ ރާއްޖެއަކީ މައިގަނޑު ގޮތެއްގައި އިމްޕޯޓު މުދަލަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވުމުންނެވެ.










