
ދިވެހިރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ހާލަތަކަށް ހުށަހެޅިފައިވާ ކަމުގެ ހަރުކަށި އިންޒާރު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ދީފިއެވެ.
މި އިންޒާރު އެ ޖަމްއިއްޔާއިން ދީފައިވަނީ، ވަފުދަކުން 2026 ވަނަ އަހަރުގެ އާޓިކަލް 4 މިޝަންގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ވަގުތީ ރިޕޯޓްގައެވެ.
ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ސިޔާސަތުތައް ފޭލްވުމާއި މާލީ މެނޭޖްމަންޓުގެ ދޯދިޔާކަމުގެ ސަބަބުން، ބޭރުގެ ލޮޅުންތަކާއެކު އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓުމުގެ ބިރު އިންތިހާއަށް އެބައޮތެވެ.
ކަމާބެހޭ ފަރާތްތަކުން އިގްތިސާދު ހަރުދަނާ ކަމަށް ބުނެ ހަގީގަތް އޮޅުވާލަމުންދާ ކަން ފާހަގަކުރައްވާ އައިއެމްއެފުންވަނީ، ބޮޑުވެފައިވާ ދަރަންޏާއި ކޮންޓްރޯލެއް ނެތް ހަރަދުތަކުގެ ސަބަބުން މުޅި ނިޒާމު ބަލިކަށިވެފައިވާ ކަން ހާމަކޮށްފައެވެ.
އައިއެމްއެފްއިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ރާއްޖޭގެ ހަގީގީ ޖީޑީޕީ ކުރިއަރާ މިންވަރު 1 އިންސައްތައަށް ދަށްވާނެއެވެ.
ދައުލަތުގެ ދަރަނިތައް، ވަކިން ޚާއްސަކޮށް ސުކޫކް އަށް ދައްކަން ޖެހުނު ފައިސާ ވަގުތު ހަމަވުމުގެ ކުރިން ދައްކާފައިވީ ނަމަވެސް، އަދިވެސް ދައުލަތުގެ މާލީހާލަތާއި ގައުމުގެ ބޭންކުތަކާއި އޮންނަ ގުޅުން ނުވަތަ ސޮވަރިން-ބޭންކް ނެކްސަސް ވަރަށް ބޮޑަށްވެސް ދަށްވެފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން، އަދި އެހެނިހެން އިގްތިސާދީ ސިޔާސަތުގެ ސަބަބުން، ރާއްޖެ އިތުރަށް މެކްރޯ-ފައިނޭންޝިއަލް (ތަކެތީގެ އަގުބޮޑުވުމާއި، ފިޒްކަލް ޕޮލިސީ އާއި ވިޔަފާރި ކުރިއަރާފާނެ ކަމުގެ ޔަގީންކަން ނެތުން) އިގްތިސާދީ ރިސްކަށް ހުޅަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ. މިއާއެކު، އުފެއްދުންތެރި އިންވެސްޓްމެންޓްތައް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތުވެސް އިންތިހާއަށް ބޮޑުކަން ފާހަގަކޮށްލެެވެއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އައިއެމްއެފް އިން ވަނީ ބައެއް މުހިންމު ލަފާތަކެއް އަރުވާފައެވެ. އޭގެ ތެރޭގައި، ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް އިތުބާރު ހުރި ފިޔަވަޅުތަކެއް އެޅުމާއި، ސަބްސިޑީ ދޭ އުސޫލުތައް މުރާޖައާކުރުން، އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބެލެހެއްޓުން ހަރުދަނާކުރުން ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަނިޓަރީ ސިޔާސަތު ހަރުކަށިކޮށް، ސުޕަވިޜަން ފްރޭމްވޯކްތައް އަޕްގްރޭޑް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.
ރާއްޖޭގެ އިގްތިސާދީ ގޮންޖެހުންތަކަކީ އަހަރުތަކެއް ވަންދެން މާލީ ކަންކަމުގައި އިހުމާލުވުމުގެ ނަތީޖާ ކަމެވެ. މިކަމާ މިހާރު ކުރިމަތިލައި، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައިވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.










