ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރު މުސްލިމުން ބާކީކުރާ ރަށްޔިތުކަމުގެ ގާނޫނެއް ތަންފީޒު ކުރުމަށް ގަވާއިދުތައް އިއުލާންކޮށް، މޯދީ ތިން ވަނަ ދައުރަކަށް ކުރިމަތިލުމުގެ ހަފްތާތަކެއް ކުރިން ހޯމަ ދުވަހު އިއުލާންކޮށްފަ އެވެ.
ރައްޔިތުކަން އިސްލާހުކުރުމުގެ ގާނޫނުގައި ޑިސެމްބަރު 31، 2014 ގެ ކުރިން އަފްޣާނިސްތާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނުން ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާއަށް ފިލައިގެން ދިޔަ ހިންދޫންނާއި ޕާސީންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނިސްޓުންނާއި ކްރިސްޓިއަނުންނަށް ނެޗުރަލައިޒޭޝަންގެ ފަސްޓް ޓްރެކް ލިބިގެންދެ އެވެ. މީގައި މުސްލިމުން ނުހިމެނެއެވެ.
އިންޑިއާގެ ޕާލަމެންޓުން 2019 ވަނަ އަހަރު އެ ގާނޫނު ފާސްކުރި ނަމަވެސް ވެރިރަށް ނިއުދިއްލީ އާއި އެހެން ތަންތަނުގައި މުޒާހަރާތައް ކުރަން ފެށުމުން މޯދީގެ ސަރުކާރުން ވަނީ އެ ގާނޫނު ތަންފީޒު ކުރުން ހުއްޓާލާފަ އެވެ. ހަމަނުޖެހުން ހިނގި ދުވަސްތަކުގެ ތެރޭގައި އެތައް ބަޔަކު މަރުވެފައިވެ އެވެ.
2019 ވަނަ އަހަރު ބޭއްވި މުޒާހަރާތަކުގައި ހުރިހާ ދީނެއްގެ މީހުން ވެސް ވަނީ އެ ގާނޫނުގެ ސަބަބުން އިންޑިއާ ސެކިއުލަރ ގައުމެއްގެ ގޮތުގައި އޮތުމަށް ބުރޫއަރާ ކަމަށް ބުނެފަ އެވެ. ވަކިން ހާއްސަކޮށް މުސްލިމުން ކަންބޮޑުވީ ހުށަހަޅާފައިވާ ގައުމީ ދަފްތަރަކާ އެކު މުސްލިމުން ބާކީކޮށް، އަނިޔާވެރިވާން ގާނޫނު ބޭނުން ކުރެވިދާނެތީ އެވެ.
ނޭޝަނަލް ރެޖިސްޓަރ އޮފް ސިޓީޒަންސް އަކީ މޯދީ ސަރުކާރުން އިންޑިއާއަށް ގަވާއިދާ ހިލާފަށް އައިސްފައިވާ ކަމަށް ބުނާ މީހުން ދެނެގަނެ 'ވީޑް އައުޓް' ކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މި ދަފްތަރު ތަންފީޒުކޮށްފައިވަނީ ހަމައެކަނި އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމްގައި ކަމަށާއި، ސަރުކާރު ހިންގާ ބާރަތިޔާ ޖަނަތާ ޕާޓީން ވަނީ މުޅި ގައުމުގައި ވެސް މިފަދަ ރައްޔިތެއްކަން ޔަގީންކުރުމުގެ ޕްރޮގްރާމެއް ތައާރަފްކުރާނެ ކަމަށް ވައުދުވެފަ އެވެ.
މޯދީގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރު ރައްޔިތުކަމުގެ ގާނޫނު ދިފާއުކޮށް ބުނެފައި ވަނީ އެއީ 'އިންސާނީ ހެވެއް' ގޮތުގައި އޮތް ގާނޫނެއް ކަމަށެވެ. އެގޮތުން އެ ގާނޫނުގެ ބޭނުމަކީ ހަމައެކަނި އަނިޔާވެރިކަމުން ފިލައިގެން އުޅޭ ދީނީ މައިނޯރިޓީތަކަށް ރައްޔިތުކަން ފޯރުކޮށްދިނުން ކަމަށާއި އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް އެ ގާނޫނު ބޭނުން ނުކުރާނެ ކަމަށް ބުނެ އެވެ.
"މި ގަވާއިދުތަކުގެ ސަބަބުން މިހާރު ޕާކިސްތާނާއި ބަންގްލަދޭޝް އަދި އަފްޣާނިސްތާނުގައި ދީނީ ގޮތުން ގޯނާކުރާ މައިނޯރިޓީތަކަށް އަޅުގަނޑުމެންގެ ގައުމުގައި ރައްޔިތުކަން ހޯދައިދެވޭނެ،" އެކްސްގައި ހޯމް މިނިސްޓަރު އަމިތު ޝާހު ލިޔުއްވާފައިވެ އެވެ.
އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ އެ އިއުލާނާ މެދު ސުވާލު އުފައްދައި ބުނެފައިވަނީ، "އިންތިހާބުގެ ކުރިން ކަނޑައެޅިފައިވާ ވަގުތަކީ އިންތިހާބު ޕޮލަރައިޒް ކުރުމަށް ފަރުމާކޮށްފައިވާ ކަމެއްކަން ސާފު" ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗްޑޯގް އެމްނެސްޓީ އިންޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގާނޫނަކީ "ތަފާތުކުރާ" ގާނޫނެއް ކަމަށާއި އެއީ "ހަމަހަމަކަމާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ދުސްތޫރީ މިންތަކާ ހިލާފު ގާނޫނެއް" ކަމަށެވެ. އެގޮތުން ބުނެފައި ވަނީ އެ ގާނޫނަކީ "ދީނުގެ މައްޗަށް ބިނާކޮށް ތަފާތު ކުރުން ގެންގުޅޭ ގާނޫނެއް" ކަމަށާއި "އޭގެ އޮނިގަނޑާއި ނިޔަތުގައި ބާކީ ކުރާ ގާނޫނެއް" ކަމަށެވެ.