March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިސްރާއީލުން އިރާނަށާއި ލުބުނާނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ސެންޑާސް ގޮވާލައްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 13, 2026, 03:20 AM
މާލެ ސިޓީ

އެމެރިކާގެ ސެނެޓަރ ބާނީ ސެންޑާސް، އިސްރާއީލުން ލުބުނާނަށާއި އިރާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ގައުމަށް އެމެރިކާއިން ދޭ އެހީތަކާއި ތާއީދު ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސެންޑާސް ވިދާޅުވީ، އިސްރާއީލުގެ އަސްކަރީ އަމަލުތަކުގެ ސަބަބުން ލުބުނާނުގައި އިންސާނީ ބޮޑު ކާރިސާއެއް އުފެދިފައިވާ ކަމަށެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، 750،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސެންޑާސް އިތުރަށް ވިދާޅުވީ، އިސްރާއީލުން މީހުން ދިރިއުޅޭ އާންމު އިމާރާތްތަކަށް އެއްވެސް އިންޒާރެއް ނެތި ބޮން އަޅަމުންދާ ކަމަށެވެ. އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ސަރުކާރުން ހިންގާ މިފަދަ ޖަރީމާތަކުގައި އެމެރިކާއިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކަކީ ސަރަހައްދީ މަސްލަހަތު ގެއްލުވާލާ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، އެމެރިކާއިން އިސްރާއީލަށް ދޭ ތާއީދާ މެދު އަލުން ވިސްނުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. ސެންޑާސްގެ މި ގޮވާލެއްވުމަކީ، އިސްރާއީލުން ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންދާ އުދުވާނުތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ކަމެކެވެ.

ބާނީ ސެންޑާސް އަކީ އެމެރިކާގެ ވަރމައުންޓް ސްޓޭޓް ތަމްސީލުކުރައްވާ މިނިވަން ސެނެޓަރެކެވެ. އޭނާއަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ، އިޖުތިމާއީ އަދާލަތަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުން ސެންޑާސް އަކީ އިސްރާއީލުން ފަލަސްތީނާއި އަދި އަވަށްޓެރި ގައުމުތަކުގައި ހިންގާ އުދުވާނުތަކާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސްގައި އެންމެ ބާރަށް އަޑުއުފުއްލަވާ އެއް މެންބަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved