
ޥޯޓުތަކާ ނާޅުވާވެސް ޚަރަދު ކުޑަކުރެވޭނެ ކަމަށާ އިންތިހާބާ ދިމާކޮށް އެ ވާހަކަ ސަރުކާރުން ދެއްކުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ތެރެއިން ހިންގާ ފަރާތާއި ގާނޫނު ހަދާ މަޖިލީހާއި ޝަރުއީ ދާއިރާގެ ބާރުތައް މިހާރު ވެސް ވަރުގަދަ ކުރައްވާފައިވާ މާހައުލެއްގައި އިންތިހާބުތައް އެއްކޮށްލުމުގެ ނުރައްކާތެރިކަމުގެ އިންޒާރު ދެއްވާ ސޯޝަލް މީޑިޔާގައި ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
ޒަރިޔަންދު ވަނީ، މަޖިލީހުގެ އޯވަސައިޓްގެ ވާޖިބުތަކުގައި ނާކާމިޔާބުކަން ފާހަގަކުރައްވައި، އަޅުގަނޑުމެންގެ ލީޑަރުން އެންމެ ކުޑަމިނުން ރައްޔިތުންނަށް ޖަވާބުދާރީވެ ތިއްބެވުމަށްޓަކައި ރިފަރެންޑަމްގައި 'ނޫން' ކަމަށް ވޯޓު ދެއްވުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.
ޒަރިޔަންދު ވިދާޅުވެފައިވާ ގޮތުގައި ދެ އިންތިހާބުގެ ވޯޓު އެއްކޮށްލަން މަޖިލީހުން ފާސްކޮށް ރިފަންޑްރަމް ވޯޓެއް ނެގުމުގެ ބޭނުމަކީ ޚަރަދު ކުޑަކުރުން ނޫން ކަމަށާ އޭގެ ބޭނުމަކީ ސަރުކާރުގެ ވެރިކަން ގިނަ އަހަރުތަކަށް ދެމެހެއްޓުމަށްޓަކައި ގާނޫނުއަސާސީއަށް އާ ގާނޫނުތަކަށް ބަދަލުގެންނަން ހިންގޭ އަމަލުތަކެއް ކަމަށެވެ.
މި ސަރުކާރުން ވޯޓުތަކާ ނާޅުވާވެސް ރިކަރަންޓު ޚަރަދު ކުޑަކުރުމަށް ފުރުސަތު އޮތް ނަމަވެސް އެއްވެސް ޚަރަދުކުޑަކުރުމުގެ އަމަލެއް ނުހިންގާކަމަށާ އެހެންކަމުން ވޯޓާ ދިމާކޮށް އެފަދަ ވާހަކަތަކެއް ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
ވެރިކަން ދެމެހެއްޓުމަށް ދެ އިންތިހާބު އެއްކުރުމަށް ސަރުކާރުގެ ނިޔަތް އޮތްކަމަށް ގަބޫލުކުރެވެނީ، ވެރިކަމަށް ފުރަތަމަ އައިސްވެސް ގާނޫނުތަކަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާއެކު މެމްބަރުން ބަނދެވިފައި ތިބި ތިބުން ކަމަށެވެ. ދެން މި މަސައްކަތްކުރަނީ އިންތިހާބުގެ ބާރުން ރައްޔިތުން މަހްރޫމުކުރުން ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދުރުދުރުގައި އިންތިހާބުތައް ބާއްވާނަ ރައްޔިތުންނަށް ވެރިންގެ އަސްލު ސިފަ ހާމަވެ ރައްޔިތުން އެކި އިންިތހާބުތަކުގައި ގޮތް ނިންމާ ގޮތް ތަފާތުވާނެ ކަމަށާ އެ ފުރުސަތު ގެއްލުވާލަން ސަރުކާރުން ކުރަމުން ދާ ޖަރީމާއަށް ފުރުސަތު ނުދިނުމަށް ޒަރިޔަންދު ވަނީ ގޮވާލައްވާފައެވެ.
ޒަރިޔަންދު މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު މައި ދެ އިންތިހާބު އެއްކޮށްލަނީ ވެރިކަމުގެ ބާރު ދަންމާލުމަށް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.










