ހެއިޓީގެ ބޮޑުވަޒީރު އެރިއެލް ހެންރީ / އޭޕީ
ދުނިޔެ
ހޭޓީގެ ބޮޑުވަޒީރު އިސްތިއުފާ ދެނީ
Azzama
އައްޒާމާ
12 މާރިޗު 2024

ސަރުކާރުގެ އިދާރާތަކަށް ގޭންގުތަކުން ހަމަލާދީ އިޖުތިމާއީ ނިޒާމު ފުނޑުފުނޑުވުމުގެ މަގުމަތީގައި އޮތް ކެރިބިއަން ގައުމުގައި ހަލަބޮލިކަން އިތުރުވަމުން ދިޔުމުން ހޭޓީގެ ބޮޑުވަޒީރު އެރިއެލް ހެންރީ އިސްތިއުފާ ދެއްވައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ދެއްވި ވީޑިއޯ ޚިތާބެއްގައި ހެންރީ ވިދާޅުވީ އިންތިގާލީ ކައުންސިލެއް އުފެއްދުމަށް ފަހު އޭނާގެ ސަރުކާރުން ވެރިކަން ދޫކޮށްލާނެ ކަމަށާއި، "ހޭޓީއަށް ސުލްހަ ބޭނުންވޭ. ހޭޓީއަށް ހަމަޖެހުން ބޭނުންވޭ."

“ކައުންސިލް އިފްތިތާހު ކުރުމުން ވަގުތުން އަޅުގަނޑުގެ ސަރުކާރު އިސްތިއުފާ ދޭނަން. އެމީހުން ބޮޑުވަޒީރަކާއި އާ ކެބިނެޓެއް ނަންގަވަންދެން އަޅުގަނޑުމެން ވާނީ ކެއަރޓޭކަރ ސަރުކާރަކަށް" ހެންރީ ވިދާޅުވި އެވެ.

ހެންރީގެ އެޑްވައިޒަރު ޖީން ޖޫނިއާ ޖޯސެފް ސީއެންއެން އަށް ބުނީ އާ ވަގުތީ ސަރުކާރެއް އުފެދެންދެން ހެންރީ އޭނާގެ ދައުރުގައި ދެމިހުންނާނެ ކަމަށެވެ.

ކެރީބިއަން ކޮމިއުނިޓީ އެންޑް ކޮމަން މާކެޓް (ކެރިކޮމް)، ހޯމަ ދުވަހު ޖެމެއިކާގައި ބޭއްވި ބައްދަލުވުމުގައި ބުނެފައި ވަނީ ހޭޓީގައި ބާއްވާ އިންތިޚާބުގެ ބިންގާ އަޅަން އިންތިގާލީ ކައުންސިލެއް އުފެއްދުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި އެންމެ ނުރައްކާތެރި ހަމަލާ ބަދަލުކުރުންތައް ފެށުނުއިރު، ހެންރީ ހުރީ ކެންޔާގައި އޭނާގެ ސަރުކާރުގެ ކޮންޓްރޯލް ގެއްލިފައިވާތީ ސަލާމަތީ ހާލަތު އަލުން ގާއިމް ކުރުމަށް ކެންޔާގެ 1،000 ފުލުހުން ފޮނުވުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.

ވެރިރަށް ޕޯޓްއޯ ޕްރިންސްގެ އެއާޕޯޓުގެ ވަށައިގެން ސަލާމަތީ ހާލަތު ގޯސްވަމުން ދިއުމުން އޭނާއަށް އެނބުރި ހޭޓީއަށް ނުދެވުނެވެ. އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކް މެދުވެރިކޮށް ދަތުރު ކުރުމުގެ ޕްލޭން ދޫކޮށްލީ އެތަނުގެ ސަރުކާރުން އޭނާގެ ބޯޓު ޖައްސަން ހުއްދަ ނުދިނުމުންނެވެ. މިދިޔަ ހަފްތާއިން ފެށިގެން އޭނާ ހުންނެވީ އެމެރިކާގެ ސަރަހައްދު ކަމަށްވާ ޕުއެރްޓޯ ރީކޯގައެވެ.

ކެންޔާ އިސްވެ އޮވެ ހިންގާ މަލްޓިނޭޝަނަލް ސެކިއުރިޓީ މިޝަނަށް އެމެރިކާއިން 300 މިލިއަން ޑޮލަރު ދޭނެ ކަމަށް ހޯމަ ދުވަހު ކެރިކޮމްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ވިދާޅުވިއެވެ. އަދި "ހެއިޓީގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަމުގެ ގޮތުގައި" އިތުރު 33 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް އޭނާ އިއުލާން ކުރެއްވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved