
އެމެރިކާގެ ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) ގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޖޯ ކެންޓް، ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖޯ ކެންޓްގެ އިސްތިއުފާގެ ބަޔާނުގައި، މި ނިންމެވުން ނިންމެވީ ވަރަށް ގިނަ ކަންތައްތަކަކަށް ފުންކޮށް ވިސްނުމަށްފަހު ކަމަށް ވިދާޅުވެފައިވެއެވެ. އޭނާގެ އިސްތިއުފާގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، މިހާރު އިރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައެވެ.
ކެންޓް ވިދާޅުވި ގޮތުގައި އިރާނަކީ އެމެރިކާއަށް އޮތް ނުރައްކަލެއް ނޫނެވެ. އަދި މިހާރު ކުރިއަށްދާ ހަނގުރާމައަކީ އެމެރިކާގެ ޟަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށާއި، މިއީ އިސްރާއީލާއި އެމެރިކާގައި އޮންނަ އިސްރާއީލުގެ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކުގެ ފިއްތުންތަކުގެ ސަބަބުން ފަށާފައިވާ ހަނގުރާމައެއްކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޤާމުން ވަކިވެވަޑައިގަންނަވަމުން ކެންޓް ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ޓުލްސީ ގައްބާޑްގެ ދަށުން މަސައްކަތް ކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. އަދި އެން.ސީ.ޓީ.ސީގެ ފަންނީ މުވައްޒަފުންނަށް އިރުޝާދު ދެއްވުމުގައި ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައު ކުރެއްވިއެވެ.
ޖޯ ކެންޓްގެ މި ކުއްލި އިސްތިއުފާއާއެކު، އެމެރިކާގެ ޚާރިޖީ ސިޔާސަތާއި މެދުއިރުމަތީގެ މަސްލަހަތާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ އެންމެ މަތީ ފަންތީގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަން މިވަނީ ހާމަވެގެން ގޮސްފައެވެ.










