ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ ރަޝިޔާގެ ސިޔާދަތަށް، އިސްތިގުލާލަށް ނުވަތަ މިނިވަންކަމަށް ނުރައްކާ ކުރިމަތިވެއްޖެ ނަމަ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ތައްޔާރަށް އޮތް ކަމަށެވެ.
ބުދަ ދުވަހުގެ ވަގުތެއްގައި ރަޝިޔާގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ސިފަކުރައްވައި، މަޝްރަހު ހޫނު ކުރަން އޭނާ ބޭނުން ނުވާނެ ކަމަށާ ދުނިޔެ ނިއުކްލިއާ ހަނގުރާޕމައަކަށް މިސްރާބު ޖަހާފައިވާ ކަމަށް ނުދެކޭ ކަމަށެވެ.
ހަމައެއާއެކު، ރަޝިޔާގެ ނިއުކްލިއާ ބާރުތައް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށާއި "އަސްކަރީ-ޓެކްނިކަލް ނަޒަރަކުން ބަލާއިރު އަޅުގަނޑުމެން މިތިބީ ތައްޔާރަށް" ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޕޫޓިން ވިދާޅުވީ އެގައުމުގެ ސަލާމަތީ ޑޮކްޓްރިންއާ އެއްގޮތަށް "ރަޝިޔާގެ ދައުލަތުގެ ވުޖޫދާއި އަޅުގަނޑުމެންގެ އިސްތިގުލާލާއި މިނިވަންކަމަށް" ނުރައްކާ ކުރިމަތިވެއްޖެ ހާލަތެއްގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން މޮސްކޯ ތައްޔާރަށް އޮތް ކަމަށެވެ.
ރަޝިޔާގެ ލީޑަރު ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައިގަތް ފަހުން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ތައްޔާރަށް ހުރި ވާހަކަ ތަކުރާރުކޮށް ވާހަކަ ދައްކަވާފަ އެވެ. ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކުން ބައިވެރިވުމަކީ ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކާ ކުރިމަތިވާނެ ކަމެކެވެ.
އިންޓަވިއުގައި ޔޫކްރޭނުގައި ހަނގުރާމައިގެ މައިދާނުގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމަށް ދުވަހަކުވެސް ވިސްނާފައިވޭތޯ ސުވާލު ކުރުމުން ޕޫޓިން ޖަވާބު ދެއްވީ އެކަމުގެ ބޭނުމެއް އަދި ނެތް ކަމަށެވެ.
އަދި ޔޫކްރޭނުގައި މޮސްކޯއިން އަމާޒުތައް ހާސިލްކުރާނެ ކަމުގެ ޔަގީންކަން ފާޅުކުރައްވައި ހުޅަނގަށް ސާފުކޮށް އިންޒާރު ދެއްވައި، "ރަޝިޔާއާ ގުޅޭ ގޮތުން ރަތް ރޮނގެއް ނެތް ކަމަށް ބުނާ ގައުމުތަކަށް އެނގެން ޖެހޭނެ އެގައުމުތަކަށް ވެސް ރަޝިޔާއިން އެފަދައިން ރަތް ރޮނގެއް ނުބަހައްޓާނެ" ކަމަށް ބުންޏެވެ.
މަޝްވަރާތަކަށް ދޮރު ހުޅުވާފައި ބެހެއްޓި ނަމަވެސް ރަޝިޔާއިން އަތުލާފައިވާ ބިންތައް ހިފަހައްޓާނެ ކަމަށާއި އެކަމަށް ހުޅަނގުން ވަރުގަދަ ޔަގީންކަން ހޯދާނެ ކަމަށް ފާހަގަކުރެއްވި އެވެ.