
ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި އެއް މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށްވެސް ޑޮލަރު ނެތްއިރު، ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ އެއްވެސް ނިޔަތެއް ނެތުމަކީ އިޤްތިޞާދީ ކުރިމަގަށް އޮތް ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އޭޕްރިލް މަހުގެ ތެރޭގައި މަދުވެގެން 530 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހިފައިވާއިރު، މިފަދަ ނާޒުކު ދަނޑިވަޅެއްގައިވެސް އިޞްލާޙީ ފިޔަވަޅުތަކެއް ފެންނަން ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ޒަރިޔަންދުގެ ޕޯސްޓުގައި މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި ބޮޑެތި އިޤްތިޞާދީ ލޮޅުންތަކުން މިސާލު ދެއްކެވިއެވެ. އެގޮތުން އިރާޤު ހަނގުރާމައާއި، ސުނާމީ ކާރިސާގެ އިތުރުން 2009 ވަނަ އަހަރުގެ ބޮޑު އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި އޭރުގެ ސަރުކާރުތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ދައުލަތުގެ ޚަރަދުކުޑަކުރުމާއި ތެޔޮ ސަލާމަތްކުރުމަށް އޭރު އިސްކަންދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާރުގެ ހާލަތު އޮތީ މުޅިން ތަފާތުކޮށްކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ މިދަނޑިވަޅުގައިވެސް ސަރުކާރުން މާލީ އިޞްލާޙަށް މަސައްކަތް ނުކުރުމަކީ ދައުލަތުގެ މާލީ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.










