
ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާ މިރޭ ނޯންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
ޕާޓީއިން ހާމަކުރި ގޮތުގައި މިރޭގެ ޖަލްސާ ކެންސަލްކުރީ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯލަ މުބަރާތުގެ މެޗެއް ޖަލްސާ އާންމުކޮށް އޮންނަ ގަޑިއާ ދިމާކޮށް އޮތުމުން ރައްޔިތުންގެ ވިންދާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށެވެ
ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާތަކުގައި ޤައުމީ މަޞްލަޙަތާއި ގުޅުންހުރި މުހިންމު ކަންތައްތަކާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުން ކުރިއަށް ގެންދެއެވެ.
ފްރޮންޓް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ މި ޖަލްސާތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުމާއެކު ބާއްވާ މިފަދަ ޖަލްސާތަކުގައި ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވެއެވެ.
މި ފަހަކަށް އައިސް ބާއްވާ ކޮންމެ ޖަލްސާއަކަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޙާޟިރުވަމުންދާއިރު، ކޮންމެ ރެއެއްގެ ޖަލްސާއަކީވެސް ފޯރިގަދަ ޖަލްސާއަކަށް ވެގެންދެއެވެ.










