
މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެއްޖެނަމަ، ޒުވާނުންނަށް ވޮކޭޝަނަލް ތަމްރީނު ދިނުމަކީ ކައުންސިލުގެ މައްޗަށް ލާޒިމު ކަމަކަށް ހައްދަވާނެ ކަމަށް ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ މާލޭގައި ބޭއްވި އޭނާގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޒަރިޔަންދު ފާހަގަކުރެއްވި ގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމަކީ ހަމައެކަނި ދައްކާ ވާހަކައަކަށް ވުމުގެ ބަދަލުގައި، އެއީ އަމަލީ ގޮތުން ނަތީޖާ ނެރެންޖެހޭ ކަމެކެވެ. އެގޮތުން، ކައުންސިލުގެ ބެލުމުގެ ދަށުން މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް، އެކުދިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ހީވާގި ބަޔަކަށް ހެއްދެވުމަށް އޭނާގެ މޭޔަރުކަމުގައި ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަރިޔަންދު ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދިނުމަކީ މާލެ ސިޓީގެ ތަރައްގީއާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މޭޔަރުކަމުގެ މަގާމަށް ކުރިމަތިލައްވާއިރު ޒުވާނުންގެ ކުރިއެރުމަށް ގިނަގުނަ ވައުދުތަކެއް ވަމުންދާ ކަމަށާއި، އެ ވައުދުތައް ފުއްދަވައިދެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.










