
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، ވަގުތީ ގޮތުން ދައްކަވާ ވާހަކަތަކުން ފްލެޓްތައް ވައިޓް ހައުސްއަކަށް ބަދަލުނުވާނެ ކަމަށް ގައުމީ މޭޔަރަލް ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށްމެ އެކަށީގެންވާ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހަމައެކަނި ގޯއްޗެއް ދިނުމަކުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވީ ކަމަށް ބެލެވެން ނެތް ކަމަށް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި ގޯއްޗެއް ދިނަސް އެކަން ނުނިމޭ. އެއީ އެކަން އޮންނަ ގޮތެއް ނޫން. އެންމެ އިހު ޒަމާނުއްސުރެ ބަންޑާރަ ގޯތި ދީ އުޅުނީ އެ ފަރާތެއްގެ ފޯރުންތެރިކަމާއި ހާލަތަށް ބަލާފައި،" ޒަރިޔަންދު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ޒަރިޔަންދު ވިދާޅުވީ، ފްލެޓް ދޭނެ ކަމަށް ބުނެ ތާރީޚަކަށް ފަހު ތާރީޚެއް ދީ، ރައްޔިތުން "ގަނަ ތަޅުވާ" ނިކަމެތި ހާލެއްގައި މި ސަރުކާރުން ޖައްސާފައިވާ ކަމަށެވެ. އަދި ނުހިއްކައި އޮތް ފަޅުފަޅުންނާއި ކަނޑުން ގޯތި ދީ، އެތަނުގައި ދިރިއުޅުމެއް ބިނާކުރެވޭނެ އެއްވެސް މަގެއް ނެތްއިރު ރައްޔިތުންނަށް އުންމީދުތަކެއް ދިނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ޒަރިޔަންދު ސިފަ ކުރެއްވިއެވެ.
ޒަރިޔަންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެވޭލާ ޒަމާނާއި މިހާރާ ވަރަށް ތަފާތެވެ. ދުނިޔެ ތަރައްގީވެފައިވާ މިންވަރަށް ބަލާއިރު، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެންމެ ބޮޑަށް ވިސްނައި، އެކަމަށް އަމަލީ ހައްލެއް ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ މާލެ ސިޓީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކެމްޕޭން ހަރަކާތުގައި ޒަރިޔަންދު ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ އަދި ހަގީގީ ހައްލެއް ހޯދައިދިނުމަކީ އޭނާގެ އެންމެ އިސް އެއް އަމާޒު ކަމަށް ވިދާޅުވެފައެވެ.










