
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި، ގާނޫނީ ދާއިރާގެ އިސް ބޭފުޅުންގެ މެދުގައި ބޭއްވުނު ފޯރިގަދަ ބަހުސެއްގައި ގާނޫނީ ވަކީލު އަލީ ހުސައިން ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ހުއްޖަތްތަކެއް ދައްކަވައިފިއެވެ. ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ބައިވެރިވެވަޑައިގެންނެވި މި ބަހުސްގައި، އަލީ ހުސައިން ވަނީ ދެ އިންތިޚާބު އެއްކޮށްލުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެކުއެކީގައި ބާއްވައިފި ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު މަޖިލީހަށް ގެއްލިގެންދާނެއެވެ.
އަލީ ހުސައިންގެ ވާހަކަފުޅުގައި ރާއްޖޭގެ މުއައްސަސާތަކުގެ މިހާރުގެ ހާލަތާ މެދު ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެސް އިންސާފު ގާއިމުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމު މިހާރު އޮތް ގޮތުން، ވެރިކަން ލިބުމާއެކު ޝަރުއީ ދާއިރާ ނުވަތަ ޖުޑިޝަރީ "ހައިޖެކް" ކުރެވިގެންދާކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށް ވިދާޅުވެ، ބާރުތައް ވަކިވެފައި އޮތުމުގެ މުހިންމުކަން އޭނާ ތަފްސީލުކޮށްދެއްވިއެވެ.
ބަހުސްގެ ތެރެއިން އަލީ ހުސައިން އެންމެ ބޮޑަށް ބާރުއެޅުއްވީ ރައްޔިތުންގެ ބާރުވެރިކަމުގެ މައްޗަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ "ބެކްއަޕް ސިސްޓަމް" އަކީ ވެސް އަދި "ލާސްޓް ލައިން އޮފް ޑިފެންސް" އަކީ ވެސް ސީދާ ދިވެހި ރައްޔިތުންނެވެ. އެހެންކަމުން، ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ރައްޔިތުންނަށް ވޯޓުލާން ލިބޭ ފުރުސަތުތައް މަދުކުރުމުގެ ބަދަލުގައި، އެ ފުރުސަތުތައް ގިނަކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ޑިމޮކްރަސީއެއްގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަހުސް ނިމިގެންދިޔައިރު، އަލީ ހުސައިންގެ ހުއްޖަތްތަކުގެ ކުރިމަތީގައި އާޒިމާ ޝަކޫރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އާޒިމާގެ ސިޔާސީ ހަޔާތުގައި ބަހުސަކުން މިފަދަ ގޮތަކަށް ބަލިވި މިއީ ފުރަތަމަ ފަހަރު ކަމަށް ވިޔަސް، އޭނާ އެކަން ބަލައިގަތީ ހިނިތުންވުމާއެކުގައެވެ. އަނެއްކޮޅުން ދިޔާނާ ސައީދު ފެނިގެންދިޔައީ މާޒީގެ އިންތިޚާބުތަކުގެ ތަފާސްހިސާބުތަކެއް ތަކުރާރުކުރެއްވުމުގައި ވަގުތު ހޭދަކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް އެ ވާހަކަތަކުގައި ބުރަދަނެއް ނެތުމުންނާއި އާންމުންގެ ޝައުގުވެރިކަން އެކަމަށް ނެތުމުން، އޭނާގެ ވާހަކަތަކުން ބަހުސަށް މާ ބޮޑު ދިރުމެއް ނުލިބުނުތާ، އަޑުއަހަން ތިބި މީހުންނަށް އެކަން ވީ އުނދަގުލަކަށެވެ.










