
އެމަނިކުފާނު ޖަލަށްލާނެ ކަމަށާ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލާނެ ކަމަށް ބުނެ ޕީއެންސީގެ އެކްޓިވިސްޓުން ފަތުރަނީ ފިތުނަވެރި ވާހަކަތަކެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލް ޖަލްސާގައި ރައީސް ޔާމީން ވަނީ، އެމަނިކުފާނު ޖަލަށް ލައިގެން ވެރިކަން ދަމަހައްޓަން ސަރުކާރުގެ ތެރެއިން ބަޔަކު ރާވަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާ އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ މަގުބޫލުކަން ދަށްވަމުންދާތީ، ކައިރީގައި ތިބި އައުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން މިކަހަލަ ވާހަކަތައް ފަތުރަމުންދަނީ ކަމަށެވެ.
އެމަނިކުފާނާ ދެކޮޅަށް ހިންގާ ސިޔާސީ ދައުވާތަކުން ސަލާމަތްވެ، ކޯޓުތަކުން އިންސާފު ލިބޭނެ ކަމާ އެހެންކަމުން ބަޔަކު ރޭވި ނަމަވެސް އެމަނިކުފާނު ދެން ޖަލަށް ނުލެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ، އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު، ޑރ މުހައްމަދު ޖަމީލު އަހުމަދަށްވެސް އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އިސް ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަތައް މަތީ މަރުހަލާގެ ކޯޓުތަކުން ބަލައިގަނެ އިސްތިއުނާފު ކުރީ ދަށު ކޯޓުގައި މިހާރު ހުރި އެހެން މައްސަލަތައް ވެސް ސާބިތު ނުވާނެތީ ކަމަށެވެ.










