
ނޮޅިވަރަމް ދާއިރާގެ ކުރިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާގ)ގެ ވަރުގަދަ ތުހުމަތތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ، އެމަނިކުފާނުގެ ކޮއްކޯފުޅު، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއަށް އަމާޒުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި މޮސްޓާ ވަނީ ރައީސް މުއިއްޒު ވެސް އަދި ސައުދާވެސް ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރައްވާފައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ޝަރުއީ ދާއިރާއަށް އަތް ނުބޭނުމަކީ މުއިއްޒުގެ ވައުދެއް ނަމަވެސް، މި ސަރުކާރުގެ ބާރު އޮތް ފަރާތްތަކުން އެކަން ކުރަމުން ގެންދާ ކަމަށެވެ. އެ ނުފޫޒުގެ ތެރެއިން ރައީށް މުއިއްޒުގެ ކޮއްކޯފުޅު ސައުދާވެސް ވަނީ ނިލަންދޫ ކޯޓުން ނިންމި މައްސަލައެއްގެ ތެރެއަށް ވަދުފައި ކަމަށް މޮސްޓާ ތުހުމަތު ކުރެއްވިއެވެ.
މޮސްޓާ ވަނީ، ފ. ނިލަންދޫ ކޯޓުގައި އޮތް މައްސަލައެއް، ސައުދާގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމުން ވަކި ގޮތަކަށް ނިންމާފައިކަމަށް ވިދާޅުވެ އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނޫން ދެން އެހެން ކޮންކަމެއް ކަމާ މެދު ސުވާލު އުފައްދަވާފައެވެ. މޮސްޓާ ވިދާޅުވި ޚަތިމްގައި އަތްލާ ހުވާކޮށް އެ ފައިސާގެ ހަގީގަތް އޭނާއަށް ކިޔައިދޭން ކެރޭނެ ކަމަށެވެ.
މީގެ އިތުރުން އެރޭގެ ޖަލްސާގައި މޮސްޓާ ވަނީ، އާންމުކޮށް ޑޮލަރުން ފައިސާ ނުވަންނަ، "ދިމްޔާތު" ގެސްޓު ހައުސްއިން ގިނަ އަދަދެއްގެ ޑޮލަރު ނެރެ މާރުކުރާ ކަމަށްވެސް ވިދާޅުވެފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ޑޮލަރު މާރުކުރި ކަމަށާ އޭގެން ބައެއް ޚުދު އޭނާ ތިން ތާރީޚެއްގެ މަތިން މާރުކޮށް. މިހާރުގެ ރައީސް އޮފީސް މިނސިްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ)އާ އަދި ރައީސް އޮފީހުގެ ކުރިގެ މިނިސްޓަރު (އާދަމް ރަމީޒު (ބަނޑު ރަމީ) އާ ހަވާލުކުރި ކަމަށްވެސް މޮސްޓަ ވަނީ ވިދާޅުވެފައެވެ.










