July 6, 2026
Advertisement
ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަހުގެ ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގައިފި
ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަހުގެ ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގައިފި / ރައީސް އޮފިސް

ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަހުގެ ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގައިފި

Jul 5, 2026, 10:13 PM
މާލެ ސިޓީ

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގައިފިއެވެ.

Advertisement

ރައީސް އޮފީހަށް މިފަދައިން އަންގާފައިވަނީ، އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުންނެވެ. އެ އޮފީހުން  ވަނީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މަގާމުން ވަކިކުރި އަދި އިސްތިއުފާދެއްވި ސިޔާސީ މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ހަރަދުގެ ތަފްސީލް ޖުލައި ހަވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހާމަކުރަން އަންގާފައެވެ.

ރައީސް އޮފީހަށް ހުށަހެޅި ރިކުއެސްޓުގައި އެދުނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން މުހައްމަދު މުއިއްޒު 2023 އިން 2026 އަށް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވި މުވައްޒަފުންގެ އަދަދާއި، އެ މުއްދަތުގެ ތެރޭގައި ވަކިކުރި އަދި އިސްތިއުފާދެއްވި މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުއްދަތުގައި އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ޖުމްލަ ހަރަދު ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން އެދުމުން، ހޯދަން އެދުނު މައުލޫމާތު މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ފޯރުކޮށްދީފައިނުވެއެވެ.

އެކަމާ ގުޅިގެން އިންފޯމޭޝަން ކޮމިޝަނރު އާހިދު ރަޝީދު ވަނީ، ހޯދަން އެދުނު މައުލޫމާތު ދޫނުކުރެވޭނެ މަގުބޫލު ސަބަބެއް އިދާރާއަށް ނެތް ދެއްކިފައި ނެތުމުން، މަސައްކަތު 14 ދުވަސް ތެރޭގައި ރައީސް އޮފީހުން އެ މައުލޫމާތު އަދަދު ނޫހަށް ފޯރުކޮށްދިނުމަށް ރައީސް އޮފީހަށް އަންގާފައެވެ.

އެ މައުލޫމާތު ރައީސް އޮފީހުން 14 ދުވަސް ތެރޭގައި ފޯރުކޮށްނުދީފިނަމަ، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އައިކޮމްއިން ވަނީ ހާމަކުރައްވާފައެވެ.

އައިކޮމްއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ، މައުލޫމާތު ފޯރުކޮށްދިނުމަށް 10 ދުވަހުގެ ފުރުސަތު ރައީސް އޮފީހަށް ދިނުމަށްފަހުކަން ފާހަގަކޮށްލެެވެއެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާއިރު އެކަން ކުރަން ފަސް ޖެހެނީ 700 އަށް ވުރެ ސިޠާސީ މުވައްޒަފުންގެ އަދަދު އިތުރުނުވާނެ ކަމަށް ރައީސް މުއިއްޒު ވީ ވައުދާ ޚިލާފުވެފައިވާތީ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved