
ރައީސް މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" އަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވަޒަންކުރުމަށް އިއްޔެ ނެގުނު ތިން ވޯޓަކުން، ސަރުކާރު ހިންގާ ޕީއެންސީއަށް ކުރިމަތިލާން ޖެހުނީ ހީނުކުރާ ފަދަ ލަދުވެތި ނާކާމިޔާބީއަކާއެވެ. ދައުލަތުގެ މުޅި ޚަޒާނާ ބޭނުންކޮށްގެން ކުރި ކެމްޕޭނަށް ފަހު ވެސް، ރައްޔިތުން މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރުގަދަ "ނޫނެކޭ" ބުނެފައެވެ.
އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަނީ "ވަޒީފާގެ ބާޒާރެއް" ހުޅުވާލައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިހާއަށް ވަޒީފާ ބަހާފައެވެ. އެވަރުން ނުވެގެން، ދައުލަތުގެ ބަޖެޓަށް ބެލުމެއް ނެތި ސަތޭކަ އެތައް ސިޔާސީ މަގާމެއް އުފައްދާ، އިންތިޚާބުގެ ދުވަސްވަރު ފަސްޓް ލޭޑީއާއި ވަޒީރުން ރަށްރަށަށް ފޮނުއްވައިގެން ބިންގާ އެޅުމުގެ "ފެސްޓިވަލެއް" ބޭއްވި ނަމަވެސް، އެ ހުރިހާ އުކުޅެއް މިވަނީ ފޭލްވެފައެވެ.
ދުނިޔޭގެ މަސްރަހުގައި އީރާނު ހަނގުރާމައިގެ ބިރުވެރިކަން އޮތް ދަނޑިވަޅެއްގައި، ތަކެތީގެ އަގު އުފުލި ރައްޔިތުން ހާލުގައި ޖެހިފައި ތިއްބާ، ސަރުކާރުން އިސްކަންދިނީ ބޮޑެތި ޖަލްސާތަކާއި ސިޔާސީ މަންފާ ހޯދުމަށެވެ. ގައުމުގެ މާލީ ހާލަތު ހަލާކުވަމުން ދާއިރުވެސް، ރިޝްވަތުގެ ގޮތުގައި ކުރި މި ބޮޑެތި ހަރަދުތަކުން ސަރުކާރަށް ލިބުނު ސިޔާސީ މޭވާއެއް ނެތެވެ.
މީގެ އިތުރުން، ސަރުކާރުގެ ކޮރަޕްޝަން ބަލަން އޮތް އޭސީސީއަކީ މުއިއްޒުގެ "އަތްދަށު" މުއައްސަސާއެއްގެ ގޮތުގައި އޮވެ، ހުރިހާ ގޯހެއް ފެނި ނުފެންނަ ކަމަށް ހެދިގެން އޮތުމަކީ ރައްޔިތުންގެ ނުރުހުން އިތުރުވި ކަމެކެވެ.
މި އިންތިޚާބުގެ ނަތީޖާއިން ސާފުކޮށްދިނީ، ކިތަންމެ ވަރަކަށް ވަޒީފާއާއި މަޝްރޫއުގެ ދަޅަ ދެއްކިޔަސް، ދިވެހި ރައްޔިތުންނަކީ ގަނެލެވޭނެ ބައެއް ނޫން ކަމެވެ. ރައީސް މުއިއްޒަށް މިއީ "ރަތް ސިގްނަލެކެވެ". އިހުލާސްތެރިކަމެއް ނެތި، ހަމައެކަނި ނުފޫޒުން ވެރިކަން ދެމެހެއްޓޭނެ ކަމަށް ގަބޫލުކުރެއްވުމަކީ ކުރީގެ ބައެއް ސަރުކާރުތަކަށް ވެސް ހެދުނު ބޮޑު ގޯހެވެ. ތާރީހުން ފިލާވަޅު ލިބިގަނެ، މިހާރުން މިހާރަށް ބަދަލު ނުގެނެސްފިނަމަ، މުއިއްޒުގެ ވެރިކަން ވެސް ވެގެންދާނީ ފަސް އަހަރުގެ ކުރު މާޒީއަކަށެވެ.




