July 16, 2026
Advertisement
-
-

ހޯރަފުށީގެ ކުޑަކުދިންގެ މަރުކަޒު ކުދިންތަކަކު މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

Aiminath Sarah
އައިމިނަތް ސާރާ
Jul 15, 2026, 12:53 PM
މާލެ ސިޓީ

ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށުގެ އާންމު ފަރުދަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Advertisement

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި މާރާމާރީ ހިންގާފައިވަނީ އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެގެން ގޮސް، އެ ރަށުގެ އާންމު މީހަކަށް ހަމަލާދީގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލު ދެނެގަތުމަށާއި، މިކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހަމަލާގައި އަނިޔާވި މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ހޯރަފުށީގައި ހުންނަ މި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، އަހުލާގީ މައްސަލަތައް ކުރިމަތިވާ ކުދިން އިސްލާހުކޮށް ތަރުބިއްޔަތު ކުރުމަށް ދައުލަތުން ހިންގާ މަރުކަޒެކެވެ. މަރުކަޒުގެ ކުދިންތަކެއް ބޭރަށް ނުކުމެ އާންމުންނަށް ހަމަލާދިނުމާ ގުޅިގެން ހޯރަފުށީގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ. މިކަމާ ގުޅިގެން ރޭގެ ވަގުތެއްގައި އެ ރަށު ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved