
ނިމިދިޔަ ރެފްރަންޑަމް ވޯޓަކީ މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުން ދެކޭގޮތް ބަލާލުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ނަމަވެސް، ވޯޓުގެ ނަތީޖާ އިއުލާނުކުރެވުމާއެކު ފެނިގެންދިޔައީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ރައްޔިތުން ބޮޑުތަނުން ސަރުކާރަށް "ނޫނެކޭ" ބުނުމުން، އެކަން ހަޖަމް ނުކުރެވިގެން ސަރުކާރުގެ އިސްވެރިންނާއި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ "މުއިއްޒު ބޮޓުން" ދަނީ ކިބުރުވެރިކަމާއެކު ގަދަބަސް ބުނަމުންނެވެ. ރައްޔިތުންގެ ސާފު ނިންމުމަށް އިހުތިރާމް ކުރުމުގެ ބަދަލުގައި، މިފަދަ ފަރާތްތަކުން ދައްކާ ވާހަކަތަކުން ދޭހަވަނީ ރައްޔިތުންގެ ބާރު ކުޑަކޮށްލުމަށް ކުރާ މަސައްކަތެވެ.
މުއިއްޒުގެ ސަޕޯޓަރުންނާއި ބޮޓުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ އެންމެ ބޮޑު އެއް ވާހަކައަކީ، ރައީސް ބޭނުންފުޅުވި ނަމަ ވޯޓަކަށް ނުގޮސްވެސް ދެ އިންތިޚާބު އެއްކޮށްލެވުނީސް ކަމަށް ބުނާ ބުނުމެވެ. މިއީ ސީދާ ޑިމޮކްރަޓިކް ހަމަތަކާ ޚިލާފަށް ރައްޔިތުންނަށް ދޭ ގޮންޖެހުމެކެވެ. ދިމިގްރާތީ ރިވެތި އުސޫލުތައް ދޫކޮށް، ރައްޔިތުންގެ ބާރު ކުޑަކޮށްލަން އުޅުމަކީ ޚުދުމުޚުތާރު ވެރިކަމެއްގެ ސިފައެކެވެ. ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނުމުންވެސް، އެ ނިންމުމަށް ގޮންޖަހައި ރައްޔިތުން ނިކަމެތިކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ބޮޑާކަމާއި ކިބުރުވެރިކަން ހުރި ސަރުކާރަކަށް 2028 ވަނަ އަހަރުވެސް ރައްޔިތުން ދޭނެ ޖަވާބަކީ ހަމަ "ނޫނެކޭ" ކަން ޔަގީނެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދާއިރުވެސް، ފެންނަމުންދަނީ ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ އެކްޓިވިސްޓުން ނަގާ ބޮޑެތި މުސާރަދޭ ތަނެވެ. ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ ބޭކާރު ގޮތުގައި ތަޅާބުރުއްސަމުންދާއިރު، އާންމު ރައްޔިތުން ތިބީ އަސާސީ ޚިދުމަތްތައް ނުލިބިގެން ނިކަމެތިވެފައެވެ. ރައްޔިތުންގެ ފައިސާއިން އިސްރާފުކޮށް، ބޮޑާކަން ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ތާރީޚަށް ނަޒަރު ހިންގާލާއިރު، ރައްޔިތުންގެ ބާރުގެ ކުރިމަތީގައި ކިބުރުވެރިވެ، ބޮޑާކަން ދެއްކި ކޮންމެ ވެރިކަމެއްގެ ނިމުން އައިސްފައިވަނީ ވަރަށް ހިތިކޮށެވެ. މާޒީގެ ސަފުހާތަކުން ފެންނަން އޮތީ ރައްޔިތުންގެ އަޑުނީވޭ ކަމަށް ހެދި ވެރިންނަށް ރައްޔިތުން ދީފައިވާ ހަރުކަށި ފިލާވަޅުތަކެވެ. ދުނިޔޭގެ ތާރީޚުގައިވެސް އަދި ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް، ރައްޔިތުންނަށް ނިކަމެތިކޮށް ހިތުމާއި އިސްރާފު ކުރުމަކީ ވެރިކަން ގެއްލުމުގެ އަސްލު ކަމުގައި ވަނީ ވެފައެވެ.
އެހެންކަމުން، މިހާރުގެ ސަރުކާރުގެ އިސްވެރިންނާއި އެ ފަރާތްތަކަށް ތާއީދުކުރާ ބޮޓުންނަށް އޮތް ނަސޭހަތަކީ، ކިބުރުވެރިވެ ބޮޑާ ނުވުމެވެ. ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް، އިސްލާހުވާން މަސައްކަތް ކުރުމެވެ. ނޫންނަމަ، ތާރީޚުން ފެނުނު ހިތި ނަތީޖާއާ ކުރިމަތިލާން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ރައްޔިތުންގެ ވޯޓަކީ ބާރެކެވެ. އެ ބާރުގެ ކުރިމަތީގައި ކޮންމެ ޖައްބާރު ވެރިއަކުވެސް ކުޑަކަކޫ ޖަހަން ޖެހޭނެކަން މާޒީން ވަނީ ދައްކުވައިދީފައެވެ.



