
ހޮނިހިރު ދުވަހު ނެގި ތިން ވޯޓުންވެސް ލަދުވެތި ގޮތަކަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ބަލިވެފައިވުމުން އެކަމުގެ ރުޅީގައި ސިޔާސީ މުވައްޒަފުން މަދު ކުރަން ފަށައިފިއެވެ.
އިންތިހާބުގެ ފަހުން ދެވަނަ ދުވަހުވެސް ވަނި ސަރުކާރުގެ އިސްވެރިންތަކެއް މަގާމުތަކުން ވަކިކޮށްފައެވެ. އަދި މިހާރު ވަނީ ސިޔާސީ ހުރިހާ ލެވެލުއެއްގެ ޕާފަމަންސް ރިޕޯޓު ފޮނުވަން އަންގާ އެއާ އެގޮތަށް ވަޒީފާގެ މަސްއޫލިއްޔަތޔ މިނެ ކިރުމަށް ފަހު މަސައްކަަތް ނުކުރާ ސިޔާސީ މުވައްޒަފުން ގެއަށް ފޮނުވާލަން ނިންމާފައިކަމަށް ވެއެވެ.
ޕާފޯމަންސް ރިޕޯޓްތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހަށް ފޮނުވުމަށް މިހާރު އަންގާފައިވާއިރު، ރައީސް މުއިއްޒު އުމްރާއިން ވަޑައިގަތުމަށް ފަހު ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވަގުތުން ފައްޓަވާނެ ކަމަށްވެސް ވެއެވެ. އަދި މިހާރު ވަކިކުރަމުން ދަނީ މިހާރު ބޭރުކުރަން ޖެހޭ ކުންފުނިތަކުގެ އިސްވެރިންތައް ކަމަށް ވެސް ވެއެވެ.
މިހާރު ވެސް ރަށްރަށުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުނެގެން އެތައް ސަތޭކަ ބަޔަކަށް ކުންފުނިތަކުން ވަޒީފާދީ، މުސާރަދީ ގޭގައި ބައިތިއްބާފައި ތިބިއިރު އެއިން ގިނަ މީހުން މަސައްކަތެއް ކުރަން އިށީންނާނެ ގޮނޑިއެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ މަދުކުރާނީ އެ މީހުންތަކެވެ.
އޭގެތެރޭގައި ކަމެއް ނެތި ތިބި މިނިސްޓަރުންގެ ނައިބުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކުން ވެސް ސިޔާސީ މުވައްޒަފުން މަދުކުރަން ނިންމާފައިވާއިރު ކުންފުނިތަކުންވެސް މީހުން މަދުކުރުމަށް ނިންމާފައިވެއެވެ.
ސަރުކާރުން ސިޔާސީ މީހުން މަދުކުރުމަށް މަސައްކަތް ފަށާފައިވާއިރު އެކި އިންތިހާބުތަކާ ދިމާކޮށް އެކި ކުންފުނިތަކުން ހާހުން މުވައްޒަފުން ނަގާފައި އެބަހުއްޓެވެ.










