May 20, 2026
Advertisement
-
- / ދައުރު

ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކާތަކާ ގުޅިގެން ކުރީގެ ރައީސުން ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދިވަޑައިގެންފި

Aiminath Sarah
އައިމިނަތް ސާރާ
May 19, 2026, 08:28 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅިގެން، ރާއްޖޭގެ ތިން ރައީސަކު ގުޅިވަޑައިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ތާޢީދާއި އެހީތެރިކަން ހޯއްދެވުމުގެ ރަސްމީ މަސައްކަތްތަކެއް ފައްޓަވައިފިއެވެ. މި ބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ މަޝްރަޙަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ތަފްޞީލު ހިމަނުއްވައި ބައިނަލްއަޤުވާމީ ބައިވެރިންނަށް ސިޓީއެއް ފޮނުއްވާފައެވެ.

Advertisement

ކުރީގެ ރައީސުން ފޮނުއްވި ސިޓީގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމެވެ. އެގޮތުން، 10 މެއި 2026 ގައި ކޯޓަކުން ނެރުނު އަމުރަކުން، ރައީސުލްޖުމްހޫރިއްޔާއާ މެދު ތުހުމަތުތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ދެއްކުން މުޅިން މަނާކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި ނެރުނު މިފަދަ ފުރަތަމަ ހަރުކަށި އަމުރުކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަމުރާ ގުޅިގެން 12 މެއި 2026 ގައި ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާންއާއި ލީވާން ޢަލީ ނާޞިރު ޖަލަށް ލާފައިވާކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ. ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި ޝަރީޢަތުގައި، ވަކީލަކު ހޯދުމަށް އެ ނޫސްވެރިންނަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުކަން ފާހަގަކުރައްވައި، މިއީ 2008 ވަނަ އަހަރުގެ އައު ޤާނޫނުއަސާސީއަށްފަހު ރާއްޖޭގައި ނޫސްވެރިން ޖަލަށްލީ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިކަމާ ދެކޮޅަށް އިޙްތިޖާޖުކުރި ގިނަ ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ސަރުކާރުގެ މިހާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން  ރައީސުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލައި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި އަލަށް ފާސްކުރި މީޑިއާ ޤާނޫނުގެ ދަށުން، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް ނޫސްތައް ބަންދުކުރުމުގެ ބާރު ދީފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފައެވެ.

ޤައުމުގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން އެ ބޭފުޅުން ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވަމުންދާ ކަމަށާއި، ދަރަނި ނުދެއްކޭ ފަދަ ނުރައްކާތެރި ދަރަޖައަކަށް ހާލަތު ގޮސްފައިވާ ކަމަށެވެ. އަދި ދާދިފަހުން ބޭއްވި އިންތިޚާބުތަކާއި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އޮތްކަން ހާމަވެފައިވާއިރުވެސް، ސަރުކާރުން އިޞްލާޙުވުމުގެ ބަދަލުގައި ބާރުގެ ބޭނުންކޮށް ރައްޔިތުން ފިއްތަމުންދާ ކަމަށް ސިޓީގައިވެއެވެ.

ކުރީގެ ރައީސުން ވަނީ ބައިނަލްއަޤުވާމީ ބައިވެރިންގެ ނުފޫޒު ބޭނުންކޮށްގެން، ނުޙައްޤުން ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި އިޙްތިޖާޖުގެ ބައިވެރިން ވަގުތުން މިނިވަން ކުރުމަށާއި، ޤާނޫނާ ޚިލާފަށް ހިންގާ ދަޢުވާތައް ހުއްޓާލުމަށް ސަރުކާރަށް ބާރުއަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved