May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސައުދީގެ ދިފާއުގައި ޕާކިސްތާނުން 8،000 ސިފައިންނާއި އަސްކަރީ ވަސީލަތްތައް ފޮނުވައިފި

Aiminath Sarah
އައިމިނަތް ސާރާ
May 18, 2026, 09:50 PM
މާލެ ސިޓީ

ދެ ގައުމުގެ ދެމެދުގައި އޮންނަ މުއުޗުއަލް ޑިފެންސް ޕެކްޓް ނުވަތަ ދިފާއީ އެއްބަސްވުމުގެ ދަށުން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕާކިސްތާނުން 8،000 ސިފައިން އެ ގައުމަށް ފޮނުވައިފިއެވެ. މި އެހީގެ ދަށުން ސިފައިންގެ އިތުރުން ފައިޓަރ ޖެޓްތަކާއި، ޒަމާނީ ޑްރޯންތަކުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތައް ވެސް ޕާކިސްތާނުން ވަނީ ސައުދީއަށް ފޮނުވާފައެވެ.

Advertisement

މި ނިންމުމަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި އަމަންއަމާންކަން ދެމެހެއްޓުމަށް ޕާކިސްތާނުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. ޕާކިސްތާނުގެ އަސްކަރީ ވަސީލަތްތައް ސައުދީގައި ގާއިމުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަސްކަރީ އަދި ސިޔާސީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހަނގުރާމައަކަށް ބަދަލުވެދާނެ ފަދަ ހާލަތެއް އޮތްއިރު، ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ރައްކާތެރިކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. މިފަދަ ދަނޑިވަޅެއްގައި ޕާކިސްތާނުން ސައުދީގެ ދިފާއުގައި ނުކުތުމަކީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޕާކިސްތާނުން އަބަދުވެސް ބުނަމުން އަންނަނީ ސައުދީ އަރަބިއްޔާގެ ބިމުގެ ނުވަތަ ދީނީ މުގައްދަސް ބިނާތަކުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކޮންމެ ހާލަތެއްގައި ވެސް އެ ގައުމާއެކު ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ. އެގޮތުން މިހާރު ފޮނުވާފައިވާ ސިފައިންނާއި އަސްކަރީ އާލާތްތަކަކީ ސައުދީގެ ދިފާއީ އައްޑަނަ އިތުރަށް ވަރުގަދަ ކުރުމަށް ފޮނުވާފައިވާ އެހީތެރިކަމެކެވެ.

ކުރިއަށް އޮތް ތަނުގައި މަސްރަހު ބަދަލުވަމުންދާ ގޮތަކުން، ޕާކިސްތާނުގެ މި އަސްކަރީ އެހީތެރިކަން ބޭނުންކުރާނެ މިންވަރާއި ގޮތްތައް ބަލާލުން ޝައުގުވެރިވާނެއެވެ. ނަމަވެސް މިހާރުގެ އަމާޒަކީ ސައުދީ އަރަބިއްޔާއަށް ކުރިމަތިވެދާނެ އެއްވެސް ބޭރުގެ ނުރައްކަލަކުން އެ ގައުމު ސަލާމަތްކޮށްދިނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved