
ވ. އަލިމަތާ ކޭވްއަށް ކުރި ޑައިވްގައި މަރުވި އެންމެންގެ ހަށިތައް ފެނި، އެ ހަށިތައް ނެގުމުގެ މަސައްކަތް ނިންމައި އެ އޮޕަރޭޝަންގެ އެންމެ ފަހު ޑައިވް މާދަމާ ކުރުމަށް ނިންމާފައިވާ ކަމަށް، އެ އޮޕރޭޝަންގައި ހަރަކާތެތްެރިވި، ޑައިވާޒް އެލާޓް ނެޓްވޯކް ޔޫރަޕް (ޑޭން ޔޫރަޕު) އިން އިން ބުނެފިއެވެ
ޑޭން އިން ހާމަކުރި ގޮތުގައި، މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިނީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމަށާ ތިން ދުވަހުގެ މަސައްކަތަށްފަހު ހުރިހާ ހަށިތަކެއް މިހާރު ވަނީ ނެގިފައިވާ ކަމަށެވެ.
މައިގަނޑު ރެސްކިއު ފޭސް ނިމުނު ނަމަވެސް މާދަމާ މިޝަންގެ އެންމެ ފަހު ޑައިވް ކުރިއަށްދާނެ އެވެ. އެ ޑައިވްގެ ބޭނުމަކީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށާއި، ހޮހޮޅައިގެ ޗާޓެއް ތައްޔާރުކުރުން ކަމަށް "ޑޭން ޔޫރަޕް" އިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަރުހަލާ ނިމުމަކަށް އައީ ފިންލޭންޑްގެ ރިކަވަރީ ޓީމުން މިއަދު އެ ހޮހަޅައަށް ކުރި ޓެކްނިކަލް ޑައިވްއަކަށްފަހުގައެވެ. އެމްއެންޑީއެފްއާއި ދިވެހި ފުލުހުންނާއި ޑޭން ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، މާލޭގައި ތިއްބެވި އިޓަލީގެ ކަމާބެހޭ ފަރާތްތަކާ މެދުނުކެނޑި މުއާމަލާތް ކުރަމުންދިޔަކަމަށް ޑޭން ޔޫރަޕުން ބުނެފައިވެއެވެ.
މި މަސައްކަތުގައި ދެ ފަހަރަށް ބޭނުންކުރެވޭ ނޭވާލާ ނިޒާމު (ސީސީއާރް)އާއި، ކަނޑުއަޑީގައި ދުއްވާ އުޅަނދުތަކާއި ފުން ސަރަހައްދުތަކަށް ހާއްސަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވެއެވެ.
އެ ޓީމުން ވަނީ އެމްއެންޑީއެފް އާއި ފުލުހުން އަދި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މުޅި މިޝަންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ރެސްކިއު ޓީމުގެ ސަލާމަތާއި، މަރުވި ފަރާތްތަކާއި އެމީހުންގެ އާއިލާތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ކަމަށް ޑައިވަރުންގެ ޓީމުން ބުންޏެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފިންލޭންޑުގެ މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ނެރުނު ބަޔާނުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.
މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަރުހަލާގައެވެ.










