
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބޭރު ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަށް ހިނގާ ބޮޑެތި ޚަރަދުތަކާ މެދު ނުރުހުން ފާޅުކުރައްވައި، އެމެރިކާއަށް އެކަމުން ލިބޭ ގެއްލުންތަކަށް އަލިއަޅުއްވާލައްވައިފިއެވެ. ޓްރަމްޕް ވަނީ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ މެދު ވާހަކަދައްކަވާފައެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އެމެރިކާއިން ވެނެޒުއެލާއިން އެހާ ގިނަ ތެޔޮ ނެގިފައި، އީރާނާއެކު ހަނގުރާމައިގެ ހަރަދު ގާތްގަނޑަކަށް 25 ގުނަ އިތުރަށް ދައްކަން ޖެހިއްޖެ" ކަމަށެވެ. މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ މާލީ ހާލަތަށް ކުރާ ނޭދެވޭ އަސަރުތައް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޓްރަމްޕްގެ މި ވާހަކަތަކުން ދޭހަވަނީ، މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގައި އެމެރިކާއިން ކުރަމުންދާ އަސްކަރީ އޮޕަރޭޝަންތަކަކީ އޭގެ ނަތީޖާއަށް ބަލާއިރު މާ ބޮޑު ތަކްލީފެއް އުފުލަންޖެހޭ ކަންކަން ކަމެވެ. ޚާއްސަކޮށް އީރާނާ ގުޅުންހުރި މައްސަލަތަކުގައި އެމެރިކާއިން ކުރި ޚަރަދުތަކަކީ ބޭކާރު ޚަރަދުތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ވެނެޒުއެލާ ފަދަ ގައުމުތަކުގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފި، ހަނގުރާމަތަކަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހުމަކީ އެމެރިކާގެ ދަރަނި އިތުރުވެ، ދާޚިލީ ކަންކަމަށް ކުރަންޖެހޭ ހޭދަ ކުޑަވާ ސަބަބެއް ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ.
މިއާއި އެކު އިރާނާއި ދެކޮޅަށް އެމެރިކާއިން ކުރަމުން އައި ހަނގުރާމައިގައި ޓްރަމްޕް ބަލި ގަބޫލުކުރީ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ.










