April 11, 2026
Advertisement
Jameel
Jameel / ތޭރަ އޮންލައިން

ޑރ ޖަމީލް ޝުޖާޢުއަށް: ޖާހިލުންގެ ކައިރިން ކުރި ނުލިބޭނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 10, 2026, 07:27 PM
މާލެ ސިޓީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވި ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްވެސް ދެ އިންތިޚާބު އެއްކޮށްލެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކަތަކަށް، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Advertisement

މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، އިމާމު ޝާފީގެ މަޝްހޫރު ބަސްފުޅެއް ކަމަށްވާ "ما جادلت عالما الا وغلبته، و ما جادلني جاهل إلا غلبني" ހިމަނުއްވާފައިވެއެވެ. އެ ބަސްފުޅުގެ މާނައަކީ، ތިމަންކަލޭގެފާނު ޢާލިމަކާ ޖަދަލުކޮށް ބަލިނުވާ ކަމަށާއި، ނަމަވެސް ޖާހިލަކާ ޖަދަލުކޮށްފި ނަމަ އެ މީހެއްގެ ކައިރިން ކުރިނުލިބޭ ކަމެވެ.

ޑރ. ޖަމީލް ވިދާޅުވީ، ޝުޖާއު ފަދަ ބޭފުޅުންނަކީ ރައީސް މުޢިއްޒު "ޅޮސް އުދޯއްޔަށް" ލައިގެން ދަވާލަމުންދާ މީހުން ކަމަށާއި، މިއީ މި ސަރުކާރުގެ ކޮރަޕްޓް ވެރިކަމުގެ އެންމެ ބޮޑު މަންފާ ލިބޭ "ބެނެފިޝަރީން" ކަމަށެވެ.

މީގެއިތުރުން، އެފްއައިޔޫ (FIU) ގެ ރިޕޯޓުގައި ހުރި ވާހަކަތަކާއި، ހުޅުމާލޭގެ ބިންތައް ނުއަގުގައި "ޕަކަޅާކޮށްގެން" އުޅޭ ގޮތްތަކަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، މި ވެރިކަން ނިމޭ ދުވަހަކުން އެ ކަންކަން ތަޙްޤީޤު ކުރަން ފެށޭނެ ކަމަށެވެ.

ޑރ. ޖަމީލް މިފަދަ ވަރުގަދަ ރައްދެއް ދެއްވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާ ގުޅޭގޮތުން ޝުޖާއު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ޝުޖާއު ވިދާޅުވެފައިވަނީ ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްވެސް އެކަން ކުރެވޭނެ ކަމަށާއި، ނަމަވެސް ރައީސް އިޚްތިޔާރު ކުރެއްވީ ޑިމޮކްރެޓިކް ހަމަތައް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved