
ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ސިޓީކަމުގައިވާ އައްޑޫ ސިޓީގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އިންތިހާއަށް ބޮޑުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޑޫ ސިޓީގައި ވިއްކަމުން އައި ޕެޓްރޯލު ލީޓަރުން 5.66 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ކުރިން 18.56 އަށް ވިއްކަމުން އައި ޕެޓްރޯލު ލީޓަރު މިހާރު ވިއްކަނީ 24.22 ރުފިޔާއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހަމައެހެންމެ އައްޑޫގައި ވިއްކާ ޑިސަލްގެ އަގުވެސް ބޮޑުކޮށް ލީޓަރަކުން 12.70 ރުފިޔާ އިތުރަށް ވަނީ ނަގަން ފަށާފައެވެ. އެގޮތުން ކުރިން 19.77 ރުފިޔާއަށް ވިއްކި ޑީސަލް ލީޓަރު މިހާރު ވިއްކަމުން ދަނީ 32.47 ރުފިޔާއަށެވެ.
އައްޑޫގައި ވިއްކާ ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް ގެނެސްފައިމިވަނީ އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި އައްޑޫއިން ސަރުކާރަށް ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ މާޗް މަހުވެސް އައްޑޫގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރިއެވެ. އޭރުވެސް އެ ސިޓީގައި ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތުން މާ ބޮޑަށް ކަމަށް އެސިޓީގެ މޭޔަރު ތުހުމަތު ކުރެއްވިއެވެ.
އައްޑޫގެ ރައްޔިތުން އަންނަނީ ކުއްލިއަކަށް ތެލުގެ އަގަށް މިފަދަ ބޮޑު ބަދަލެއް އައުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތެލުގެ އަގަށް މި އައި ބޮޑު ބަދަލުގެ ސަބަބުން އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށާއި، މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ޑީސަލްގެ އަގު މިހާ ބޮޑަށް އުފުލިގެން ދިއުމަކީ އާންމު ހިދުމަތްތަކުގެ އަގަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ފާހަގަކޮށްލެވެއެވެ.



