
މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ، ޕާކިސްތާނުން މެދުވެރިވެގެން ހުއްޓުވާފައިވާއިރު، މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް މަރުޙަބާ ނުވަތަ ރަސްމީ ސިފައެއްގައި އެއްވެސް ބަޔާނެއް ނެރެފައިނުވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މި ހަނގުރާމަ ހުއްޓުވިތާ މިހާރު އެތައް ދުވަހެއް ވެފައިވާއިރު، އިސްލާމީ އެހެން ގައުމުތަކުން އެކަމަށް މަރުހަބާ ކިޔައި ބަޔާންތައް ނެރެމުންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަމުގައި އަމަލުކުރަމުންދާ ގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ދާދިފަހުން ބޭއްވި އިންތިޚާބުތަކުން ލިބުނު ނާކާމިޔާބީއާ އެކު ސަރުކާރު އޮތީ ނިދާފައި ކަމަށް ބުނެވޭ ފުރުސަތު މިވަނީ ބޮޑުވެފައެވެ.
މި ހަނގުރާމަ ފެށުނު ދުވަސްވަރުވެސް ދިވެހި ސަރުކާރުން ކަންކަން ކުރަމުންދިޔައީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން، އިޒްރޭލާއި އެމެރިކާގެ އިސްތިއުމާރީ ބާރުތަކުން އިރާނާ ދެކޮޅަށް ފެށި މި ހަމަލާތައް ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރުނީވެސް، ރައްޔިތުންގެ ފަރާތުން އައި ބޮޑު ޕްރެޝަރެއްގެ ސަބަބުންކަން ފާހަގަކުރެވިފައިވެއެވެ.
އޭރު ސަރުކާރުން ނެރުނު ބަޔާނަށް ބަލާއިރުވެސް، ސަރުކާރުގެ އަސްލު ސިޔާސަތު އޮތް ގޮތް ވަރަށް ސާފުކޮށް ފެންނަން އޮތެވެ. އެ ބަޔާނުގައި ސީދާކޮށް އިޒްރޭލާއި އެމެރިކާގެ ނަން ބޭނުންކޮށް އެ ގައުމުތައް ކުށްވެރިކުރުމުގެ ބަދަލުގައި، ސަރުކާރުން ބޮޑަށް ބާރުއަޅާފައިވަނީ އިރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދިޔަ ހަމަލާތައް ކުށްވެރިކުރުމަށެވެ. މިއީ ސީދާކޮށް އިޒްރޭލު ކުށްވެރިކުރަން ސަރުކާރަށް ނުކެރޭކަން ހާމަވާ ހެކިތަކެވެ.
ޕާކިސްތާނުން އިސްވެ އޮވެ، ޑިޕްލޮމެޓިކް ހަމަޖެހުމެއްގެ ތެރެއިން މި ހަނގުރާމަ ހުއްޓުވިކަން ދިވެހި ސަރުކާރަށް އެނގޭ ހެންވެސް ހީނުވެއެވެ. އާންމުން ބުނަމުންދަނީ، ދާދިފަހުން ބޭއްވި އިންތިޚާބުން ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިސްވެރިން އަދިވެސް ތިއްބެވީ "ނިދާފައި" ކަމަށެވެ. ބައިނަލްއަގުވާމީ މައިދާނުގައި އިސްލާމީ އުއްމަތަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނުއިރު، އެކަމަށް މަރުހަބާ ނުކިޔައި ހަނު ހުރުމަކީ ދިވެހި ސަރުކާރުގެ "ސްޓޭންޑް" މިހާރު ހުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ހާމަވެގެންދާ ކަމެކެވެ.
މިކަމާ ގުޅިގެން ރައްޔިތުން ދަނީ ސަރުކާރުގެ މި "ހަނުހުރުން" ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ.



