April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންތިޚާބާ ދިމާކޮށް ސަރުކާރުން ނުފޫޒު ފޯރުވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 3, 2026, 05:22 PM
މާލެ ސިޓީ

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

ވެރިކަން ކުރާ ޕީއެންސީއަށް އޮތް ތާއީދު ކުޑަވެ، ނާކާމިޔާބީއާ ކުރިމަތިލާންޖެހިދާނެތީ ސަރުކާރުން މިހާރު އުޅެނީ ވަރަށް ބޮޑަށް ބިރުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ބިރުވެރިކަމާއެކު، ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެގޮތުން، ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ބުނަމުން ދަނިކޮށް، އިންތިޚާބާ ދިމާކޮށް ކުއްލި ގޮތަކަށް ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، އެއްވެސް އުސޫލެއް ނެތި ޕްރޮމޯޝަންތައް ބަހަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ވަޒީފާގެ ބިރުދެއްކުމާއި، އިންތިޚާބަށް ދެތިން ދުވަހަށް ވެފައި ވަނިކޮށް އަވަސްއަރުވާލައިގެން މަޝްރޫއުތަކުގައި ސޮއިކޮށް، ބިން ހިއްކުމުގެ މަސައްކަތްތައް ފެށުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ ކަންކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީސްމީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ވޯޓު އޮޅުވާލުމަށް ސަރުކާރުން ރޭވުންތަކެއް ރާވަމުންދާ ވާހަކައެވެ. ސަރުކާރަށް ރައްޔިތުންގެ ހަގީގީ ތާއީދު އޮތް ނަމަ، މިފަދަ ދަށު ދަރަޖައިގެ އުކުޅުތަކާއި އިންތިޚާބީ ރިޝްވަތު ބޭނުންކުރަން ނުޖެހޭނެއެވެ.

ނަމަވެސް، ރައްޔިތުން މިހާރު ތިބީ މިފަދަ ނުފޫޒުތަކަށް ހޭލުންތެރިވެގެން ކަމަށާއި، ބިރުދައްކައިގެން ނުވަތަ ރިޝްވަތު ދީގެން ރައްޔިތުންގެ ވޯޓު ކާމިޔާބު ނުކުރެވޭނެކަން މާދަމާގެ ނަތީޖާއިން ސާފުވާނެ ކަމަށް ބެލެވެއެވެ.

މިއާއިއެކު އަދިވެސް ޕީއެންސީއަށް ތާއީދު އޮތް ކަން ދައްކަން ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދައްކާ މަޖުބޫރުކޮށްގެން ޕީއެންސީއިން ކުރިއަށް ގެންދާ ބޮޑު ހިނގާލުމުގައި ބައިވެރިކޮށްފައިވާކަންވެސް މައުލޫމާތު ލިބިފައިވެއެވެ. ޕީއެންސީއިން އެ ބުނާ ތާއީދާއި ލޯބި އޮތް ނަމަ އެއްވެސް މަޖުބޫރުކަމެއް ނެތި ރައްޔިތުން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved