
ނަފުސާނީ ބައްޔެއް ތަހައްމަލު ކުރަމުންދަނިކޮށް ދަނާލުގައި ނިޔާވި 18 އަހަރުގެ ޒުވާނާގެ މައްސަލައިގައި، އޭނާގެ ޒާތީ މައުލޫމާތުތައް އާންމުކުރަން ޖެހުނީ އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރާ ހެދި މަޖުބޫރުވެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލުފުޅު ނުކުރެއްވި ނަމަވެސް، އެކަން ކުރަން ޖެހުނީ އެ މައްސަލައިގައި ފުލުހުންނަށް އަމާޒުވި ތުހުމަތުތަކުން ސަލާމަތްވުމަށްޓަކައި ކަމަށެވެ. މިއީ ސީދާ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ނާގާބިލުކަން ފޮރުވުމަށް ދެއްކެވި ބަހަނާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
އާންމު ފަރާތްތަކުން ބުނާ ގޮތުގައި، ސަރުކާރުން "މަޖުބޫރުވީ" ކަމަށް ބުނެ ޒާތީ މައުލޫމާތު އާންމުކުރީ، ފުލުހުންގެ ވިކްޓިމް ސަޕޯޓްއިން ޒިންމާ ރަނގަޅަށް އަދާ ނުކުރެވި، އެ ކުއްޖާ ސަލާމަތް ކުރުމަށް ފެއިލްވި ފެއިލްވުން ފޮރުވުމަށެވެ. ފުލުހުންގެ އިދާރާއަށް އެ ކުއްޖާ ފޮނުވި މެސެޖުތަކަށް އެކަށީގެންވާ ސަމާލުކަމެއް ދީ، ޒިންމާދާރުކަމާއެކު ފިޔަވަޅު އެޅި ނަމަ، އެ ޒުވާނާ މިއަދު ދުނިޔޭގައި ހުރުމުގެ ފުރުސަތު ބޮޑުވީހެވެ. މިކަމުގައި މިނިސްޓަރު އިހުސާން ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށް އާންމުން ދަނީ ބުނަމުންނެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނިޔާވި ކުއްޖާ ފުލުހުންނަށް ކޮށްފައިވާ ހުރިހާ މެސެޖުތަކެއް ވަނީ ލީކުކޮށްލާފައެވެ. މިއީ މަރުވެފައިވާ ކުއްޖެއްގެ ކަރާމާތަށް އަރައިގަނެ، އާއިލާއަށް އިތުރު ހިތާމަ ދިނުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ކުށްވެރިކުރެއެވެ. މިފަދަ ނާޒުކު މައުލޫމާތުތަކެއް ހާމަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނަފުސާނީ ދާއިރާގެ މާހިރުންވެސް ފާހަގަކުރެއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މުޖުތަމައުން އެއްވެސް ޕްރެޝަރެއް ކުރިމަތިނުވި ނަމަ ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރަން ނުޖެހުނީސް ކަމަށެވެ. އެހެންނަމަވެސް، ހަގީގީ މައްސަލައަކީ ފުލުހުންގެ މުއައްސަސާއާއި ހޯމް މިނިސްޓްރީން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފެއިލްވުމެވެ. ޒިންމާ އަދާނުކުރެވުނު ތަނުގައި، އާންމުންގެ ޕްރެޝަރޭ ކިޔައިގެން ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން އިތުރަށް ހާމަވެގެންދާ ކަމެކެވެ.




