
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން ގާތްވެފައި ވަނިކޮށް، އުސޫލުތަކަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، އަލަށް ގެންނަ އިސްލާހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ވެސް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމެވެ. މިއަހަރުގެ ޖަނަވަރީ މަހު ފުލެޓަށް ހުޅުވައިލި ފަހުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓަގަރީއެއް ހަމަޖެއްސުމާއި، "ބިންވެރިޔާ" ސްކީމާ ގުޅޭ އުސޫލުތަކަށް ބަދަލު ފެނުން ހިމެނޭހެން އެކި ފަހަރު މަތިން ވަނީ ޝަރުތުތަކަށް ބަދަލު ގެނެސްފައެވެ.
ފުލެޓަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 30 އަށް އިތުރުކޮށްފައިވާއިރު، މި ސަރުކާރުން ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ޖުމްލަ 7,900 ފުލެޓާއި 15,000 ގޯތި ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި މާލޭ ރަށްވެހިންނަށް ޚާއްސަ 4,000 ފުލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ މީހުންނަށް ދޫކުރާ 1,500 ފުލެޓުގެ އިތުރުން، ޚާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2,400 ފުލެޓު ހިމެނެއެވެ. ނަމަވެސް، ކުރީގެ ސަރުކާރުގެ ސްކީމްތަކުން 75 ޕޮއިންޓް ލިބުނު މީހުންނަށް ފުލެޓު ދިނުމުގައި މިހާރު އިސްކަންދޭނީ އެންމެ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.









