
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި، މިހާތަނަށް ސަބްމިޓްކޮށްފައިވާ ފޯމުތަކުގެ އިތުރުން، ފޯމު ހުށަހެޅުމުގެ މަރުހަލާގައި (ޑްރާފްޓްގައި) 16،000 އަށްވުރެ ގިނަ ފޯމު އެބައޮތެވެ. އެހެންކަމުން، ފޯމު ހުށަހެޅުމުގެ ސުންގަނޑި ހަމަވާއިރު ޖުމްލަ 36،000 އަށްވުރެ ގިނަ ފޯމު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ހުޅުމާލެ އާއި ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މީގެ ތެރޭގައި ބީޔޫސީޖީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 1,190 ހައުސިންގ ޔުނިޓާއި، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ބިނާކުރާ 364 ޔުނިޓުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން މޮޑަލްގެ ދަށުން 3,800 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.




