June 17, 2026
Advertisement
-
- / އިމިގްރޭޝަން

މި ސަރުކާރަކީ ގައުމުގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން، ޖަލުން ނުކުންނާނީ މާ ވަރުގަދަކޮށް: ޝަމްޢާން

Aiminath Sarah
އައިމިނަތް ސާރާ
Jun 9, 2026, 05:06 PM
މާލެ ސިޓީ

މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ މިވަގުތު ގައުމުގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޝަމްޢާން މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބާއްވާ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ޝަމްޢާން ތުހުމަތު ކުރެއްވި ގޮތުގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން އުފައްދާފައިވާ ދޮގު އިލްޒާމްތަކެކެވެ.

ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށެވެ. އަދި މި ޖަރީމާއަކީ ހޯމް މިނިސްޓަރާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް އިސްވެ ތިއްބަވައިގެން ހިންގާ ކަމެއް ކަމަށާއި، އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް ގުޅުއްވައި އިންޒާރު ދެއްވި ކަމަށްވެސް ޝަމްޢާން ތުހުމަތު ކުރެއްވިއެވެ.

"މިކަމުގެ ހެކި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އަޅުގަނޑުގެ ފޯނުގައި ހުންނާނެ،" ޝަމްޢާން ވިދާޅުވިއެވެ.

މީގެ އިތުރުން، ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް އެޕްރޫވް ކުރުމުގައި ހިނގާ ކޮރަޕްޝަންގެ މައުލޫމާތު މިއަހަރުގެ ޖެނުއަރީ 16 ގައި ރައީސް މުޢިއްޒާ ހިއްސާކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަމްޢާން ތުހުމަތު ކުރެއްވި ގޮތުގައި ކޮންމެ ކޯޓާއަކަށް 8,000 ރުފިޔާ އަދި ބަންގްލަދޭޝް މީހަކަށް 1,800 ޑޮލަރު ވަޒީރު ނަންގަވައެވެ. ނަމަވެސް އެ ހެކިތަކަށް ރައީސް ބީރު ކަންފަތެއް ދެއްވި ކަމަށް އޭނާ ބުންޏެވެ.

ޝަމްޢާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ފޭރުމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި މައްސަލައިގައި 278 ދުވަސް ބަންދުގައި ހޭދަކުރެއްވުމަށްފަހު، މިއަދު ހުކުމާ ކުރިމަތިލައްވާއިރު ޝަމްޢާން ވިދާޅުވީ "ކިތަންމެ ވަރަކަށް ތެޅިޔަސް މި މީހާ އިރާދަކުރެއްވިއްޔާ ބައްޔެއް ނުކުރެވޭނެ. ޖަލުން ނުކުމެގެން އަންނާނީ މާ ވަރުގަދަކޮށް،" ކަމަށެވެ.

ޝަމްޢާން މަގާމުން ވަކިކޮށްފައިވަނީ 21 މާޗު 2024 ގައެވެ. މި މައްސަލައިގައި އިމިގްރޭޝަންގެ ބައެއް އޮފިސަރުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުންތަކެއް ހަދާފައެވެ. ނަމަވެސް ޝަމްޢާން އާއި އޭނާގެ އާއިލާއިން ތަކުރާރުކޮށް ބުނަމުންދަނީ މިއީ ސަރުކާރުގެ ކޮރަޕްޝަން ފަޅާއަރުވާލުމުން ބަދަލުހިފުމުގެ ގޮތުން ހިންގާ އަމަލެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved