
ސަރުކާރުގެ ބޮޑުންގެ އިސްތިއުފާތަކުން ރައީސް އޮފީސް ތެޅިފޮޅެމުންދާއިރު، އެންމެ ބޮޑު ސިހުމެއް ލިބުނީ ރައީސް މުއިއްޒުގެ ދެބެންގެދެދަރި ބޭފުޅާ، އަލީ އާރިފް ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަތުމުންނެވެ. ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުގެ ނަމުގައި ރައީސްގެ ހިޔަނި ފަދައިން އުޅުއްވި އާރިފް އިސްތިއުފާ ދެއްވި ސަބަބެއް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ވެސް ސާފުކޮށްދެވިފައެއް ނުވެއެވެ. ނަމަވެސް، މިއީ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ބޮޑު ކޯޅުންގަނޑެއްގެ ތެރެއިން ދިމާވި ކަމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
އަލީ އާރިފަކީ ދިވެހި ރައްޔިތުންގެ ލޭ ކައްކުވާލި "ގަރުދިޔަ އާއި ބަތް" ބަހުސްގެ މޭސްތިރިއެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި، ރައްޔިތުންނަށް ދިިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އާދައިގެ ދިރިއުޅުމަކަށް ތިރިވެ، ގޭގައި ގަރުދިޔަ އާއި ބަތް ކައްކައިގެން ކެއުމަށް އޭނާ އިރުޝާދު ދެއްވިއިރު، އޭނާގެ އަމިއްލަ ދިރިއުޅުން ހުރީ މުޅިން ތަފާތު މިސްރާބެއްގައެވެ.
ރައްޔިތުންގެ ކުރިމަތީގައި ފަގީރުކަން އިސްކުރަން ވަކާލާތު ކުރެއްވި ނަމަވެސް، އޭނާގެ އަމިއްލަ ރަށް ހއ. ވަށަފަރުގައި ބޮޑެތި ގެސްޓްހައުސްތައް ބިނާކުރަމުން ދިޔައީ ކޮން ފައިސާއަކުންތޯ މިއަދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ވަށަފަރުގެ ގިނަ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި، މިނިސްޓަރު ކަމުގެ ބާރުގައި ހުންނަވައިގެން އަލީ އާރިފް ވަނީ ރައްޔިތުންގެ ފައިސާއިން އަމިއްލަ ޖީބު ފުރާފައެވެ. ރައްޔިތުންނަށް ގަރުދިޔަ ބަތުން ފުއްދާލަން ނަސޭހަތް ދިނީ، އޭނާ އަމިއްލައަށް "ބިރިޔާނި" ފަރިއްކުޅުވަން ކަމަށް ވިޔަސް، މިއަދު އިސްތިއުފާ ދެއްވަން ޖެހުމުން އެ ކެވުނީ "ރާކަނި މަސް" ކަން ވަނީ ހާމަވެފައެވެ.
ސިޔާސީ ގޮތުން އެކި ޕާޓީތަކަށް ދުވެ، މަގާމުގެ ދަހިވެތިކަމުގައި އުޅުއްވި އާރިފްގެ މި ނިމުމަކީ، ރައްޔިތުންނަށް މަލާމާތްކޮށް، ދައުލަތުގެ މުދަލަށް އަރައިގަންނަ ފަރާތްތަކަށް ލިބޭނެ ހިތްދަތި ފިލާވަޅެކެވެ.



