
މަސްތުވާތަކެއްޗާއި ސައްހަ ނޫން ފައިސާގެ މައްސަލައެއްގެ ތުހުމަތުގައި މީގެ 19 އަހަރު ކުރިން ސަސްޕެންޑްކުރި ސިފައިންގެ މީހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2007 ވަނަ އަހަރުގެ އޭޕްރިލް މަހު، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ސައްހަ ނޫން ފައިސާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން އެ މީހާ ހައްޔަރުކުރުމާ ގުޅިގެން ފެށުނު މައްސަލައެކެވެ. އެ އަހަރުގެ ޖޫން މަހު އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، ވަޒީފާއިން ވަކިކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ.
ސިވިލް ކޯޓުން މި މައްސަލަ ދެވަނަ ފަހަރަށް ބަލައި ނިންމި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، އެ މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. މި މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގާފައިވަނީ، އެ ކޯޓުގެ ފުރަތަމަ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހައިކޯޓުން ކުރި އަމުރަކަށެވެ.
ކޯޓުގެ ހުކުމުގައި ޑިފެންސް މިނިސްޓްރީގެ މައްޗަށް އަންގާފައިވަނީ، އެ ސިފައިންގެ މީހާ ސަސްޕެންޑްކުރި ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރި ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. އަދި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.








