
ސަރުކާރުގެ ޣައިރު ޒިންމާދާރު މާލީ ނިޒާމެއްެ ތެރެއިން ދިވެހި ރުފިޔާގެ އަގު ވަނީ ވެއްޓިފައިކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ގައުމުގައި މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން އާންމު ފަރުދުން އުފުލަން ޖެހިދާނެ ބުަރަކަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ދަރަނި އަދާ ކުރެވޭނެ ހާލަތެއް ނެތި ދަރަނި ބޮޑުކުރަމުން ދިއުމުން ދަރަނި ބޭރު ފައިސާއިން ދައްކަން ޖެހުމުގެ ނަތީޖާއަކީ ދިވެހި ފައިސާގެ އަގު ވެއްޓުން ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދެ އަހަރު މާލިއްތަުގެ ނިޒާމަށް ގެނައި ބަދަލާ އަދި މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު 35 އިން ސައްތަ އަށް ވުރެ ކުޑަ ނޫން އަދަދެއް ދަށްވެއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
100 ރުފިޔާ ސޭވިން އެކައުންޓެއްގައި ބައިންދާފައި ހުރި މީހަކަށް ފައިދާގެ ގޮތުގައި 65 ރުފިޔާ ލިބުމަކީ ރައްޔިތު މީހާގެ ކުށެއް ނެތި ދައުލަތުގެ ފިސްކަލު ޕޮލިސީގެ ސަބަބުން ރައްޔިތު މީހާއަށްވާ ގެއްލުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އަދިވެސް އެކަން އޮތީ ކުރިއަށް ކަމަށާ އެގޮތުން މިވަގުތަށް ދައްކަން ހުރި ލޯނު އެގޮތް މިގޮތުން ދައްކާ އިތުރު ދަރަނި އުފައްދަނީ ކަމަށެވެ. ދަރަނި ނަގާ އިރު ދަރަނި އަދާކުރާނެ ނިޒާމު ހަމަ ނުޖެއްސުމާ ވޭރު ފައިސާ އިތުރުކުރާނެ ގޮތް ޕްލޭނު ނުކުރުމުން އޭގެ ސަބަބުން އަނެއްކާ ވެސް ނޫޓު ޖެހުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.
ރާއްޖެއިން ބޭރުން މުދާ ގެންނަނީ ޑޮލަރުން ކަމަށްވެފައި ނޫޓު ޗާޕުކުރުމުން ވެސް ދިވެހި ރުފިޔާގެ އަގު ވެއްޓި ތަކެތީގެ އަގު އުފުލި ހުރިހާ ތަކްލީފެއް ޖެހޭނީ ރައްޔިތުންނަސް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އފުލޭނީ ތަކެތީގެ އަގު އެކަނި ނޫން ކުލި ވެސް ބޮޑުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާމްދަނި އިތުރުކުރާނެ ގޮތެއް ސަރުކާރުން ނުހީދާ އެކަންކަމަށް ހައްލު ނުލިބޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރުގެ ވިޔާނުދާ ސިޔާސަތުތަކަށް ހަރުދަނާ ބަދަލެއް ގެންނަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.










