
ސިޔާސީ ހަޔާތުގައި ކޮރަޕްޓު އެއްވެސް ބޭފުޅަކަށް ޖާގަ ނުދެއްވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، ފްރޮންޓު އޮފީހުގެ ޖލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލެއް ހިންގިކަން އެނގުނު ހިނދު އެފަދަ ކޮންމެ ބޭފުޅަކުވެސް އެމަނިކުފާނުގެ ފަރާތުން ފެނިގެންދާނީ ހަރުކަށި ފިޔަވަޅުތަކާއެކު ސަރުކާރުން ބޭރުކޮށްލާ މަންޒަރު ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ހިނގާ ދިޔަ އެމްއެމްޕީއާރުސިގެ ޚިޔާނާތުގެ މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަމުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކަންކަން އެނގުމުން ވެސް ވަގުތުން ފިޔަވަޅު އެޅުއްވިކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒުއާ އަދި ރައީސް އިބްރާހމު މުހައްމަދު ސޯލިހުގެ ވެރިކަމަށް އިޝާރާތްކުރައްވާ ރައިސް ޔާމީން ވިދާޅުވީ، އެ ދެ ބޭފުޅުންގެ ވަށައިގެން ތިއްބެވީ ކޮރަޕްޓު ބޭފުޅުން ކަމަށެވެ. އަދި އެއީ އެ ބޭފުޅުންނަށް އެ މީހުންގެ ކިބައިން މަންފާތަކެއް ލިބޭތީ ކުރައްވާ ކަމެއް ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ. ހަމައެހެންމެ ވެރިންގެ އެންމެ ގާތް ބޭފުޅުންނަކީ ކޮރަޕްޓު އަދި ނާގާބިލު ބަޔަކަށް ވެއްޖެނަމަ، ރައްޔިތުން އެ ވެރިންނަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ބައެއް ބޭފުޅުންނާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ވާހަކަތަކާމެދު ފިޔަވަޅު ނާޅަނީ އެއީ ވެރިންނަށް އޭގެ ރާހަތު ލިބޭތީ ކަމަށް ތުހުމަތުކުރައްވާފައެވެ.










