
ދިވެހިރާއްޖޭގައި މައްސަލައަކީ ގާނޫނުތައް ނެތުން ނޫން ކަމަށާ ނަމަވެސް ނިޒާމުގެ ތެރޭގައި ހުރި ބައެއް ކަންކަން ކަމަށް ވިދާޅުވެ އެކަންކަން ބަދަލުކުރަން ޖެހޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ތަނުގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުން ހިމެނޭހެން ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ނިޒާމުތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރައްވާ، އަދުލުއިންސާފުގެ ދާއިރާ މިހާރު އޮންނަ ގޮތުން، ސިޔާސީ މީހުންނާ މެދު ނާއިންސާފުން ކަންކަންވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޔާމީން ވަނީ، ރާއްޖޭގައި ގާނޫނުތައް އެބަހުރި ކަމަށާއި ނަމަވެސް މީހުންގެ ތަރުބިއްޔަތާއި އަހުލިއްޔަތު ނެތުން ފަދަ ސަބަބުތަކާ ހެދި ނިޒާމަށް ބަދަލެއް އަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެއް ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވީ، އެހެން ގައުމުތަކުގައި ހަމަޖައްސާފައިވާ ގޮތަށް ސުޕްރީމް ކޯޓަށް އެންމެ ފަހުގެ ބާރު ދީގެން ތިބޭ ތިބުމަށް ނިމުމެއް ގެނައުމެވެ.
ދުނިޔޭގެ އެހެން ތަންތަނުގައި ގަބޫލުކުރާގޮތަށް، ސުޕްރީމް ކޯޓަށް އެންމެ ފަހުގެ ބާރުދީގެން ތިބޭ ތިބުމަށް ބަދަލެއް އަންނަންޖެހޭ ކަމަށާ ފުލުހުންގެ ތަހުގީގުތައް ކުރެވޭ ގޮތަށް ބަދަލެއް އަންނަންޖެހޭ ކަން ވެސް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެކަހަލަ ކަންތައްތަކެއް ނިޒާމުތަކެއް އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޝަރިއަތެއްގައި އެއް ފަނޑިޔާރު ރައުޔު އިއްވެވުމުން ދެން ތިއްބަވާ ފަނޑިޔާރުން ބައެއް ފަހަރު އެ ރައުޔަށް ތާއީދު ކުރައްވާ ކުރެއްވުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމްކޯޓުގެ ހުކުމް އިއްވެވުމުގެ ކުރިން ކޮންމެ ފަނޑިޔާރަކަށްވެސް އަމިއްލަ ރައުޔު އިއްވަން ކެރެން ވާނެ ކަމަށެވެ.
މީގެ އިތުރުން، ކޯޓުގެ ތިން މަރުހަލާއިން ހުކުމް ހިފަހައްޓާފައި ހުރި މީހުން ސަރުކާރު ބަދަލުވުމާ އެކު މިނިވަވުން ގަބޫލުނުކުރެވޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ހިދުމަތް ކުރަން ފުރުސަތު ލިބުމުން އިހުލާސްތެރި މަަސައްކަތްތަކެއް ކުރަން ބޭނުންވާ ވެރިންނަށް އެކަން ނުކުރެވެނީ ވެސް ގޮތް ނޭނގޭ އަދުލު އިންސާފުގެ ދާއިރާއެއް ރާއްޖޭގައި އޮތުމުން ކަމަށެވެ.










