
ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވެސް އެންމެ ފަހުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަވައިގައި ޖެހި، އެ ޕާޓީއަށް މިއަދު ސޮއިކުރައްވައިފިއެވެ. ސިޔާސީ ގޮތުން ތަފާތު އެކި ފިކުރުތަކުގައި މަސައްކަތް ކުރެއްވުމަށްފަހު، ޖާބިރު މިވަނީ ޕީއެންސީއަށް ސޮއި ކޮށްފައެވެ.
ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު ޖާބިރު ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއާ ގުޅުމަށް ނިންމެވީ މުއިއްޒު ގެންގުޅުއްވާ ޑިމޮކްރެޓިކް ސިޔާސަތުތަކާއި، ގައުމުގެ ތަރައްގީއަށް ކުރަށްވާ ބުރަ މަސައްކަތްޕުޅުތައް ފެނިވަޑައިގަތުމުން ކަމަށެވެ. ޚާއްސަކޮށް ރައީސްގެ މުރާލިކަމާއި، ހީވާގިކަމުގެ އިތުރުން މަސައްކަތްތައް ކުރިއަށް ގެންދަވާ ބާރު ސްޕީޑާ މެދު ވަރަށް ބޮޑަށް ގަޔާވާކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ. ޖާބިރު މިހެން ފާހަގަކޮށްފައިވާއިރު، އޭޕްރީލް 04 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުތަކުން ދިވެހި ރައްޔިތުން ވަނީ މުއިއްޒު މަސައްކަތް ކުރަނީ ފިނިހަކަ ސްޕީޑްކަމަށް ބުނެ ސަރުކާރަށް ބޮޑު ތަނުން "ނޯ" ބުނެފައެވެ.
ޕީއެންސީގައި ޖާބިރު މިވަގުތު އެންމެ އިސްކަމެއް ދެއްވާނެ މަސައްކަތަކީ، އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ޕީއެންސީއަށް ކާމިޔާބު ކޮށްދިނުން ކަމަށް ޖާބިރު ވިދާޅުވިއެވެ. އެ ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރަށްވަނީ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ. ޖާބިރު ވިދާޅުވީ އޭނާ މަސައްކަތް ކުރަށްވާނީ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރާ ކެންޑިޑޭޓަކާއެކު އެ ގޮނޑި ޕާޓީއަށް ހޯދައިދިނުމަށް ކަމަށެވެ.
ޖާބިރަކީ މީގެ ކުރިން ޑީއާރުޕީގެ ލީޑަރުކަމާއި، ނައިބު ލީޑަރުކަމާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރަށްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމްޑީޕީގެ ރައީސްގެ އެޑްވައިޒަރުކަންވެސް ކުރެއްވިއެވެ. ޖާބިރު މިފަހުން ސިޔާސީ ހަރަކާތްތަކުން ފެންނަން ފެށީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިލެކްޝަންގައި ޕީއެންސީއަށް ތާޢީދު ހޯދުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިންނެވެ.




